ކޮނޑޭ ކައުންސިލަށް ފަސް ވަނަ މެމްބަރު ހޮވުން މިމަހުގެ 27 ގައި ބާއްވަން ނިންމައިފި

ގއ. ކޮނޑޭ ކައުންސިލަށް ފަސް ވަނަ މެމްބަރު ހޮވުމަށްޓަކައި ތިން ކެންޑިޑޭޓެއްގެ މެދުގައި އިންތިޚާބު އަލުން ބާއްވަން ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ އެއްގޮތަށް އެ އިންތިޚާބު މިމަހު 27 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ. ސުޕްރީމް ކޯޓުން އެގޮތަށް އިއްޔެ ހުކުމްކުރީ ގއ. ދާންދޫގައި ދިރިއުޅޭ ކޮނޑޭ ރައްޔިތަކަށް އޮޅިގެން ދާންދޫ ކައުންސިލަށް ވޯޓު ލެވުނުއިރު ކޮނޑޭ ކައުންސިލްގެ އިންތިޚާބުގައި ފަސް ވަނަ އަށް ދިޔަ ދެ ކެންޑިޑޭޓުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވުމާއި އެ ދެ ކެންޑިޑޭޓުންނާއި ހަ ވަނަ އަށް ދިޔަ ކެންޑިޑޭޓާ ދެމެދު ހުރީ އެންމެ ވޯޓެއްގެ ތަފާތު ކަމަށްވުމުންނެވެ. އެހެންވެ ކޯޓުން ނިންމީ އެ މީހާ އަށް ކޮނޑޭ ކައުންސިލަށް ވޯޓު ލެވުނު ނަމަ އެ ތިން ކެންޑިޑޭޓުންގެ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިމަހުގެ 27 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވާދަ ކުރާނީ ފަސް ވަނައަށް ދިޔަ ދެ ކެންޑިޑޭޓުން ކަމަށްވާ ސާޖިދާ މުހައްމަދާއި ނާހިދާ ހަސަން ދީދީގެ އިތުރުން ހަ ވަނައަށް ދިޔަ ޔުމްނާ ގާސިމެވެ. ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި އަންގާފައިވަނީ އިއްޔެ އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ އިންތިޚާބު ބޭއްވުމަށެވެ. އެ އިންތިޚާބުގެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ހުކުމްކުރީ މުޅި ކޮނޑޭ ކައުންސިލްގެ އިންތިޚާބު އަލުން ބޭއްވުމަށެވެ. ނަމަވެސް އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ވަނީ ހައި ކޯޓުގެ އެ ހުކުމް ވެސް ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އިންތިޚާބު އަލުން ބާއްވަން ޖެހޭނީ އެ ތިން ކެންޑިޑޭޓުންގެ މެދުގައި އެކަނި ކަމަށާއި އެހެން ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުތަކަށް ބަލާއިރު އެހެން ކެންޑިޑޭޓުންގެ ނަތީޖާތަކަށް ބަދަލު އައުމުގެ ފުރުސަތު ނެތް ކަމަށެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެއް ވަނަ އަށް ދިޔަ ކެންޑިޑޭޓާއި ދެ ވަނަ އަށް ދިޔަ ކެންޑިޑޭޓާއި ތިން ވަނަ އަށް ދިޔަ ކެންޑިޑޭޓުގެ އިތުރުން ހަތަރު ވަނަ އަށް ކެންޑިޑޭޓް ވެސް އެ ކައުންސިލަށް އިންތިޚާބުވެފައިވާ ކަން އިއުލާންކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ނުނިމި އޮތުމުން ކޮނޑޭގައި ކައުންސިލެއް ނެތި އެރަށުގެ ތަރައްގީއާ ގުޅޭ ގިނަ ކަންތައްތައް ނުނިމި ހުރުމުން އެކަމުގެ ފާޑުކިޔުން ސުޕްރީމް ކޯޓަށް ވަނީ އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ