ގާސިމް "ނުގެއްލޭ"، އެމްޑީޕީ/ޖޭޕީ ގުޅުމުގައި މިތިބީ ސާބިތުކަމާ އެކު: އަމީން
ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އެކުގައި ކުރަން ފެށި މަސައްކަތުން، ލީޑަރު ގާސިމް އިބްރާހިމް "ގެއްލިއްޖެ" ކަމަށް ދައްކާ ވާހަކަތައް އެ ޕާޓީން އިއްޔެ ދޮގުކޮށްފި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމާ ދެކޮޅަށް، އަޑުއުފުލަން، މުޒާހަރާތަކުގެ ކުރީ ސަފަށް ނުކުންނެވުމަށް ފަހު، އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކުން ގާސިމް އަދި ޖުމްހޫރީ ޕާޓީގެ މާބޮޑު ބައިވެރިވުމެއް ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ނަޝީދުގެ މައްޗަށް ދައުވާކުރުމަކީ "ބޮޑު ޖޯކެއް ކަމަށް" ގާސިމް ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ފަހުން، ގާސިމް އަދި ޖުމްހޫރީ ޕާޓީން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ގުޅުމާ ގުޅޭ ގޮތުން، ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް "ހަވީރަ"ށް ވިދާޅުވީ، ގާނޫނުއަސާސީ ދިފާއު ކުރުމަށް އެކުލަވައިލި ގުޅުމުގެ މަތީގައި ދެ ޕާޓީ ވެސް އޮތީ ސާބިތުކަމާ އެކުގައި ކަމަށެވެ. ރަސްމީ ބަޔާނެއް ނުނެރުނަސް، ނަޝީދުގެ މައްޗަށް ކުރީ ހައްގު ދައުވާއެއް ނޫން ކަން، ހުކުމް ކުރުމުގެ ކުރިން އަދި މިހާރު ވެސް ޖުމްހޫރީ ޕާޓީން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ސިޔާސީ ބޭފުޅުންނަށް ނުހައްގުން ދައުވާ އުފުލުން ހުއްޓާލަން ގޮވާލައި ބޭއްވި އެއްވުމުގައި ނަޝީދާއި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ހަވީރު ފައިލް ފޮޓޯ "އިތުރަށް ކޮން ވާހަކައެއްތޯ ދައްކަން އޮންނާނީ؟ އަޅުގަނޑުމެން ގޮވަގޮވައި ތިއްބައި ކުރި ކަމެއް ކޮށް އެ ނިންމާލީ." އަމީން ވިދާޅުވި އެވެ. "އަޅުގަނޑުމެން ގުޅުމެއް އުފެއްދީ ގާނޫނު އަސާސީގެ ދިފާއުގައި. އެ ގުޅުމުގެ މަތީގައި ޖުމްހޫރީ ޕާޓީ ދެމި އެބަތިބިން." އޭނާ ވިދާޅުވި ގޮތުގައި، ހުކުމުގެ މާ ކުރިން ޖުމްހޫރީ ޕާޓީން ވަނީ، ނަޝީދާއި އެހެން ވެސް ނުހައްގު ދައުވާ އުފުލާފައިވާ ފަރާތްތަކަށް އަނިޔާ ނުދޭން ސަރުކާރަށް ގޮވާލައިފަ އެވެ. އެމްޑީޕީ/ޖޭޕީގެ ހަރަކާތްތަކުން ގާސިމް "ގެއްލުނީ" މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއެކު ބޭއްވި ބައްދަލުވުމާއި އުމުރުން 65 އަހަރުވާ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއީލް ހުށަހެޅުއްވި ބިލް، އަނބުރާ ގެނައުމުން ކަމަށް ވާހަކަ ދެކެވެ އެވެ. އެކަމަކު އެ ވާހަކަތައް ވެސް އަމީން ދޮގުކުރައްވަ އެވެ. ގާސިމާއި އުއްޗު އަދި އަދީބު ބައްދަލުކުރައްވަނީ: އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ހުށަހެޅި ބިލް އަނބުރާ ގެންދިޔައީ މި ބައްދަލުވުމަށް ފަހު ކަމަށް ވާހަކަ ދެކެވޭ. - "ގާސިމަކީ އިސްލާހަށް ލޯބި ކުރައްވާ، ހަމަޖެހުމަށް ލޯބި ކުރައްވާ، ބޭފުޅަކަށް ވީމަ އެ ވަގުތަކު ނަގަން ޖެހޭ މޫވެއް ނަގާނެ. ވާހަކަ ދައްކައިގެން، ކަންކަން ކުރަން ޖެހޭ ދަނޑިވަޅުތަކުގައި އެކަން ވެސް ކުރާނެ. ޕާޓީން އޮންނާނެ ބަޔާނެއް ވެސް ނެރެފައި މިވަގުތު އަޅުގަނޑުމެންނާ ހަވާލުކޮށްފައި އޮތް މަސައްކަތަކީ އެކި ފަރާތްތަކާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވޭތޯ ބެލުމޭ،" އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން އެކުގައި ކުރާ މަސައްކަތުގައި ގާސިމްގެ ފުރިހަމަ ބައިވެރިވުން އޮތް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ގާސިމް އަދި ޖުމްހޫރީ ޕާޓީން ވެސް މަސައްކަތް ކުރާނީ އެގޮތުގައި ކަމަށް އަމީން ވިދާޅުވި އެވެ. އެމްޑީޕީގެ މުޒާހަރާތަކުގައި ޖުމްހޫރީ ޕާޓީން ބައިވެރިނުވުމާ ގުޅޭގޮތުން އުފައްދާ ސުވާލަށް ވެސް އަމީން ޖަވާބުދެއްވި އެވެ. "އަޅުގަނޑުމެން މާކުރިން ވެސް ނިންމާފައި އޮންނާނީ، އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް. އަޅުގަނޑުމެން ދަންނަވާފައި ވާނީ ބައެއް ކަންކަމުގައި ސަޕޯޓް ދޭން އަޅުގަނޑުމެން ދެމިތިބޭނަމޭ. އެހެންވީމަ އޭރު ވެސް ދިން ކޮމިޓްމަންޓާ އެކީ ދެމި މިތިބީ،" އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ މަސްރަހު ކުރިއަށްދާ ގޮތުން ދެ ޕާޓީގެ ގުޅުމަށް އިތުރު "ތަރައްގީއެއް" ގެންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ އެވެ. އަމީން މިހެން ވިދާޅުވީ، ސަރުކާރާ ދެކޮޅަށް "އެއްބައިވަންތަ ގުޅުމެއް" އުފައްދަން އަދާލަތު ޕާޓީން ސިޔާސީ ޕާޓީތަކަށް ގޮވާލާފައި ވަނިކޮށެވެ. އެ ގޮވާލުމާ އެއްގޮތަށް މަސައްކަތް ކުރަން އެމްޑީޕީން ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އަދި އަދާލަތުގެ އިސްވެރިން ރޭ ވަނީ ބައްދަލްކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ