ގާސިމް އިބްރާހީމަށް ތާއީދުކުރަން އިލްޔާސް ނިންމަވައިފި
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހީމް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ތާއީދު ކުރައްވަން މިރޭ ނިންމަވައިފި އެވެ. ގާސިމްގެ ތަރުޖަމާން އިބްރާހިމް ހަލީލް މިރޭ "ހަވީރަ"ށް ވިދާޅުވީ ގާސިމް އާއި ރަނިން މޭޓް ޑރ. ހަސަން ސައީދަށް ތާއީދު ކުރައްވަން ނިންމަވައި ޖުމްހޫރީ ގުޅުމުގެ އިސް ބައެއް ބޭފުޅުންގެ ބައްދަލުވުމެއްގައި މިރޭ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. "އަޅުގަނޑުމެން އެންމެން ބައިވެރިވި ބައްދަލުވުމެއްގައި އޮނަރަބަލް އިލްޔާސް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި މިރޭ. އަދި މި ވާހަކަ ދައްކާއިރު ވެސް އޮނަރަބަލް ގާސިމް އިބްރާހީމް އާއި ޑރ. ހަސަން ސައީދާއި އޮނަރަބަލް އިލްޔާސް އިބްރާހީމްއާ ތިން ބޭފުޅުންގެ އެކަނި ބައްދަލުވުމެއް ކުރިއަށް އެބަދޭ،" ހަލީލް ވިދާޅުވި އެވެ. "ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއްބޭފުޅާ އިލްޔާސް އިބްރާހީމަކީ. އެބޭފުޅާ އެ ވިދާޅުވީ ތިމަންނަ މިފަހަރު ތާއީދު ކުރައްވާ ފަރާތަކީ ގާސިމް އިބްރާހީމާ ހަސަން ސައީދޭ. މިކަމާ ގުޅޭ ފަންކްޝަނެއް ވެސް ދާދި އަވަހަށް އަޅުގަނޑުމެން ބާއްވާނަން." ހަލީލް ވިދާޅުވީ އާންމުންގެ ތާއީދާއި ލޯބި ހޯއްދަވާފައިވާ މަގުބޫލު ޝަހުސިއްޔަތުތައް ކުރިއަށް އޮތް ތަނުގައި ގާސިމަށް ތާއީދު ކުރައްވަން ނިންމަވާނެ ކަމަށެވެ. އަދި އެ މަޝްވަރާތައް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީގެ ޑީއާރުޕީ އާއި ޕީޕީއެމް އުފެއްދުމުގައި ވެސް އިސްކޮށް ހުންނެވި އިލްޔާސް ވަނީ އެ ޕާޓީގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން މީގެ މަހެއްހާ ދުވަސް ކުރިން ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ. ގާސިމަށް ތާއީދުކުރައްވަން އިލްޔާސް ނިންމެވިއިރު ޖުމްހޫރީ ކޯލިޝަނާ އަދާލަތު ޕާޓީއާ ގައުމީ ޕާޓީން ވަނީ ގުޅިފަ އެވެ. އަދި ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރާއި އަދިވެސް ފާހަގަކުރެވޭ އެހެން ބައެއް ފަރާތްތައް ވަނީ ޖުމްހޫރީ ގުޅުމާ ގުޅިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ