ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ހުއްދަ ދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެ ކޯޓުން މިއަދު ހުއްދަ ދީފި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ނަޝީދުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަން ހުއްދަ ދީފައި މި ވަނީ އެ މައްސަލަ ހުށަހަޅާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާ އެކު މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމަކަށް ފަހުގަ އެވެ. ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅޭނީ އެ ކޯޓުގައި އެކަމަށް އެދުމަށް ފަހު އެ ކޯޓުން ހުއްދަ ދިނުމުންނެވެ. ޕީޖީ އޮފީހުން މީގެ ކުރިން ވަނީ އެ މައްސަލަ އިސްތިއުނާފުކުރުމަށް ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ކޯޓުން ނިންމީ މައްސަލަ ހުށަހަޅަން ޖެހޭނީ ނަޝީދުގެ ފަރާތުން ކަމަށާއި އިސްތިއުނާފުކުރުމަށް ގާނޫނުގައި ދީފައި އޮންނަ މުއްދަތު ހަމަވެފައި ވިޔަސް އެ މައްސަލަ އަދިވެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަޝީދު ޖަލަށްލި މައްސަލަ ޕީޖީ އޮފީހުން އިސްތިއުނާފަށް ހުށަހެޅީ ނަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންބޮޑުުންތަކާ ގުޅިގެން ކަމަށް ބުނެ އެވެ. ނަޝީދު ޖަލަށް ލީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށާއި އެމަނިކުފާނު ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮފް އާބިޓަރީ ޑިޓެންޝަން އިން ވަނީ ނިންމައިފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އދ.ގެ އެ ނިންމުމަކީ ސަރުކާރުން ހުށަހެޅި ކަންކަމަށް ނުބަލައި، އެއްފަރާތަކަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެއީ ސަރުކާރުން އަމަލުކުރުން ލާޒިމު ނިންމުމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ