ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުޑަ ކުއްޖެއްގެ ފައި ކަރަންޓް ބުރުމާއަކުން ތޮރުފި މައްސަލައެއް ބަލަނީ

އަޕަ ސައުތު ހެލްތު ކޯޕަރޭޝަން ސާވިސްގެ މޭނޭޖިން ޑިރެކްޓަރު އަހްމަދު ލުތުފީ މިއަދު ވިދާޅުވީ މިދިޔަ ޖޫން މަހުގެ ތެރޭގައި ތިނަދޫ ކުއްޖަކު އެކްސިޑެންޓްވެގެން ފަރުވާދިނުމުގެ ތެރޭގައި، ފައިގައި ބޯލްޓް އެޅުމަށް އެ ހޮސްޕިޓަލުގެ އިންޑިއާ ޑޮކްޓަރަކު ކަރަންޓް ބުރުމާއަކުން ތޮރުފާފައިވާކަން ރިޕޯޓްތަކުން އެނގޭ ކަމަށެވެ. އެ ކުއްޖާގެ ފައި އޮޕަރޭޝަން ކުރި އެ ޑޮކްޓަރަކީ ކަށީގެ ހާއްސަ ޑޮކްޓަރެއް ނަމަވެސް އެކަން ކޮށްފައި ވަނީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މެޑިކަލް ކައުންސިލާއި ނާސިން ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކްސިޑެންޓުގައި ކަނާތުފައި ބިނދިގެން އައި ކުއްޖާގެ އޮޕަރޭޝަން ކުރި ޑޮކްޓަރު، އޭގެ ދުވަސްކޮޅެއް ފަހުން އާއިލީ ޒިންމާގެ ޗުއްޓީއެއް ނަގައިގެން ދިޔަ ގޮތަށް އަދި ނާދެ އެވެ. އެހެންވެ އޭނާއާ ދޭތެރޭ އަދި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ހެލްތު ކޯޕަރޭޝަނުން ބުންޏެވެ. "އެއީ [ކަރަންޓް ބުރުމާއަކުން ތޮރުފުމަކީ] ހޮސްޕިޓަލުގެ އިހްމާލުން ހިނގާފައި އޮތް ކަމެއްކަން ރިޕޯޓްތަކުން އެނގޭ. އެކަމުގެ ޒިންމާ ހެލްތު ކޯޕަރޭޝަނުން ނަގައި އެ ކުއްޖާގެ ބޭސް ފަރުވާ އަށް ވެސް އެހީތެރިވަމުން މިދަނީ،" ލުތުފީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ބެލުމަށް ނަރުހުންނާ ސުވާލުކުރުމުގެ ތެރޭގައި، މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީނުވެ ހިދުމަތް ދެމުން ދިޔަ ނަރުހަކު ފާހަގަކުރެވިގެން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. ކުޑަ ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ކަރަންޓް ބުރުމާއަކުން ތޮރުފައި ބޯލްޓް އެޅުމަށް ފަހު، ކުޑަ ދުވަސްކޮޅަކުން ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ބުނެފައި ފުރައިގެން ދިޔަ ނަމަވެސް އެ ކުއްޖާ އަށް އަދިވެސް ނުހިނގެ އެވެ. ކަރަންޓު ބުރުމާއަކުން ތޮރުފާފައި ހުރިކަން އެނގުނީ މާލެ އައިސް ކަށީގެ ހާއްސަ ޑޮކްޓަރު ޔޫސުފް ޝާން އަށް ދެއްކުމުންނެވެ. "އޮޕަރޭޝަން ތިއޭޓަރަށް ނުވައްދާތީ އަހަރެމެންނަކަށް ކުރިން ނޭނގޭ، އެ މީހުން ބޯލްޓް އަޅާފައި ހުރީ ކިހިނެއް ކަމެއް. ޝާން އަށް ދެއްކީމަ އެ ޑޮކްޓަރު ހަދާފައި ހުރި އެއްޗެއް އެނގުނީ. އެ ކުއްޖާ ފައިގައި އަޅާފައި ހުރީ ވެސް ބޮޑެތި މީހުންގެ ފައިގައި އަޅަން ބޭނުންކުރާ ބޯލްޓް،" އޭނާ ބުންޏެވެ. އެ މައްސަލަ ތަހްގީގުކުރަމުން އަންނަ މެޑިކަލް ކައުންސިލާއި ނާސިން ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ