ކަރަންޓު ރޮށިފިހާ އެއްޗަކާއި އެހެން ބައެއް ތަކެތީގެ ވެރިފަރާތް، ފުލުހުން ހޯދަނީ

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ މި ހިނގާ ނޮވެމްބަރު މަހުގެ އެކި ދުވަސްމަތިން މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އެގޮތުން އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި ހޯދަމުންދާ ތަކެތީގެ ތެރޭގައި ކަރަންޓުން ރޮށިފިހާ އެއްޗަކާއި ލެޑް ސަރފޭސް ޕެނަލް ހަތަރު ލައިޓު (އިންސިޑެންޓް ނަންބަރު 469426) ހިމެނެ އެވެ. އެ ތަކެއްޗަކީ ނޮވެމްބަރު 03 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ނޮވެމްބަރު 14 ވަނަ ދުވަހު ގުލާބީމަގުން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ބޯލްޓް ކަޓަރެއް (އިންސިޑެންޓް ނަންބަރ 470277) ގެ ވެރިފަރާތްވެސް ފުލުހުން ދަނީ ހޯދަމުންނެވެ.
ފުލުހުން ބުނީ އެތަކެތީގެ ވެރި ފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެދެއްވުން އެދޭ ކަމަށެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ވެރިފަރާތް ނޭނގޭ ތަކެތީގެ ވެރިފަރާތް ހޯދަން މީގެ ކުރިންވެސް ފުލުހުން އިއުލާން ކުރިއެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ގޯނިތަކަކާއި ފައިވާން ތަކެއްގެ އިތުރުން ބައިސްކަލު ތަކެއްގެ ވެރިފަރާތް ހޯދަންވެސް ފުލުހުން އިއުލާން ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ