މެންބަރުންނަށް ވީއައިޕީ ހިދުމަތް ދިނުމަށް މުސްތަފާ ހުށަހެޅުއްވި ބިލް އަނބުރާ ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ވީއައިޕީ ހިދުމަތް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި ބިލު އަނބުރާ ގެންދަވައިފި އެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށްވެސް މެންބަރުކަމުން ވަކިވުމަށްފަހުގައި ވެސް އެއާޕޯޓުން ވިއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށެވެ. މީގެ ކުރިން އެފަދަ ޚިދުމަތެއް މެމްބަރުންނަށް ލިބިވަޑައިނުގަންނަވަ އެވެ. އެހެން ނަމަވެސް ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން މުސްތަފާ ވަނީ އެ ބިލް އަނބުރާ ނަންގަވަން ނިންމަވާފައިވާ ކަން ހާމަކުރައްވާފަ އެވެ. މިކަން ހާމަކުރައްވަމުން މުސްތަފާ ވިދާޅުވީ އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ސަރުކާރުގެ ފަރާތުން އޭނާ ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑު ފުރުސަތަކަށް އެދިލެއްވި ހަމައެކަނި ބޭނުމަކީ އަޅުގަނޑު ހުށައަޅާފައިވާ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށައަޅާފައިވާ ބިލު މިއަދު ނަގާނެ ކަމަށް ދިވެހި ރައްޔިތުންނަށް އަޑު އިއްވާލަންވެގެން. އަޅުގަނޑު ބޭނުމެއް ނޫނޭ އެއްވެސް ހިމާޔަތެއް އަދި ރައްކާތެރިކަމެއް ބޭނުމެއް ނޫން. ހިމާޔަތާއި ރައްކާތެރިކަން މާތްﷲ ދެއްވާފައި އޮތީ. ފަސްވަގުތު ނަމާދު ކުރަން. އެއަށް ވުރެ މޮޅު ރައްކާތެރިކަމަކާއި ހިމާޔަތެއް ލިބިފައެއް ނެތް." މުސްތަފާ ވިދާޅުވި އެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް މުސްތަފާ ހުށަހެޅުއްވި އިސްލާހު ނަންގަވަން ނިންމެވިއިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދާއި، ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ވެސް ވަނީ މެންބަރުކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތްތައް އިތުރުކުރުމުގެ ގޮތުން އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. މި ގޮތުން އަބްދުލްލަތީފް މުހައްމަދު ހުށަހެޅުއްވީ މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހަމަޖައްސައިދިނުމަށެވެ.
މީގެއިތުރުން މެންބަރު ޔާމީން ހުށަހެޅުއްވީ މެންބަރުކަމުން ވަކިވާ ހިސާބުން ވެސް މެންބަރުންނަށް މާލީ އިނާޔަތް ލިބޭ ގޮތަށް ހަމަޖައްސައިދިނުމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން މެންބަރުކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ލިބެނީ މެންބަރުކަމުން ވަކިވުމަށްފަހު އޭނާއަށް 55 އަހަރު ފުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ