ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ނައިބު ރައީސް އަހުމަދު އަދީބު ސިއްޙީފަރުވާއަށް މިއަދު ހެނދުނު އިންޑިއާއަށް ފުރާވަޑައިގެންނެވި އިރު އަރިހުގައި އަނބިކަނބަލުން މަރިޔަމް ނަޝްވާވެސް ވަނީ ވަޑައިގެންފައެވެ.
އަދީބު ބޭސްފަރުވާއަށް އިންޑިއާގެ ބެންގަލޫރަށް މިއަދު ފުރާވަޑައިގެންނެވީ އެއާ އިންޑިއާގެ ފުލައިޓެއްގައެވެ. އެމަނިކުފާނާއި އެކު ފުލުހުންނާއި މޯލްޑިވުސް ކަރެކްޝަނަލް ސާވިސްގެ ޓީމެއްވެސް ވަނީ ފުރާފައެވެ.
ނައިބު ރައީސް އަހުމަދު އަދީބު ސިއްހީފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާތާ އަހަރުތަކެއް ވެފައިވީ ނަމަވެސް މިހާތަނަށްވެސް އަދީބަށް ފުރާވަޑައިގެންނެވޭ ގޮތް ނުވީ ސަރުކާރުން އެކަމަށް ހުއްދަ ނުދީގެންނެވެ.
ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ސަރުކާރުން ދީފައި ވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.
ކަރެކްޝަނަލް ސާރވިސްއިން ބުނީ އަދީބަށް އެ ހުއްދަދިނީ މެޑިކަލް ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެ.
އަދީބަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަދީފައިވަނީ އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް އިއްވާފައިވާ ދިގު މުއްދަތުގެ ޖަލު ހުކުމްތައް ބާތިލްކޮށްފައިވަނިކޮށެވެ. އެގޮތުން އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފައެވެ.
އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ހުއްދަ ދެއްވުމާއި ގުޅިގެން މަޖިލީހުގެ ކޮމެޓީއަށް ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް އަދި ކަރެކްޝަންސްގެ އެންމެ އިސްވެރިޔާ ހާޟިރުކޮށް ސުވާލުކޮށްފައިވެއެވެ.
އެބޭފުޅުން ވަނީ އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިގެން ނުފިއްލެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމުގައި މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ