ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ވަކި ރައްޔިތަކަށް ތަފާތުކުރުމެއްނެތި ޚިދުމަތްކުރެއްވުމުގެ ސާފު ރެކޯޑެއް އޮތް ބޭފުޅެއްކަމުން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާކީ އޮތް ދުވަސްކޮޅާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އެމަޖިލީހުގެ ރައީސްކަމުގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ގާސިމްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބުުދުލްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީން ގެނެސްދިން ބޮޑުފެންޑާ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ ޖޮއިންޓްޕާލިމެންޓަރީ ގުރޫޕުން، މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމް ގެނައުމަށް ނިންމެވީ ހުރިހާ މެންބަރުންގެ ތަނަވަސް އަގުލަބިއްޔަތުންކަމަށެވެ. ގާސިމް މަޖިލީހުގެ ރައީސްކަމަށް ގެނައުމަކީ ބަހުސްކުރަންޖެހޭނެވެސް ކަމެއް ނޫންކަމަށާ ގާސިމަކީ ވަކި ރައްޔިތަކަށް ތަފާތުކުރުމެއްނެތި ޚިދުމަތްކުރެއްވުމުގެ ސާފު ރެކޯޑެއް އޮތް ބޭފުޅެއްކަމުން މަޖިލީހަށް ބޭނުންވަނީ އެފަދަ ލީޑަރެއްކަމަށް ލަތީފް ވިދާޅުވިއެވެ.
ސަރުކާރު ހިންގުމުގެ ތަޖުރިބާއާއި، ޚިލާފުތަފާތުވުންތަކާއެކު ރައްޔިތުންގެ މަޖިލީސް ހިންގުމުގެ ކުޅަދާނަކަންވެސް ދައްކުވައިދެއްވާފައިވަނީ ގާސިމް އިބްރާހިމްކަމަށް ލަތީފް ވިދާޅުވިއެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ދުވަސްވަރު، ރައްޔިތުންނަށް ފެހި ގާނޫނު އަސާސީގެ ފޮނި މީރުކަން ހޯއްދަވައިދެއްވުމަށް ގާސިމް ކުރެއްވި މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެއްކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެންމެ މުހިންމު އެއްބާރުކަމަށާ އެ ބާރުގެ އެންމެ އިސްވެރިކަން އަންނަންވާނީ ހުރިހާ ފިކުރެއްގެ މެންބަރުންގެ އަޑުއެއްސެވޭނެފަދަ ބޭފުޅެއްކަމަށްވެސް ލަތީފް ވިދާޅުވިއެވެ. އަބުދުﷲ މަސީހުފަދަ ޚުދުމުޚުތާރު އަދި ވަކި ސިޔާސީ ފިކުރެއްގެ އަޑު ނޫނީ އައްސަވަން ކެރިވަޑައިނުގަންނަވާ ބޭފުޅަކު މަޖިިލީހަށް ވަޑައިގަތުމުން މުޅި ނިޒާމް ފުނޑުފުނޑުވެގެންދިޔަގޮތް އެއޮތީ ފެންނަންކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތާއި ޝަރަފް އަލުން ދިރުވާ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ޚިދުމަތްކުރާ މުއައްސަސާއެއްކަން ގާސިމްގެ ލީޑަރުޝިޕްގައި ދައްކުވައިދޭނެކަމަށެވެ. އަދި މިދައުރުގެ ބާކީ އޮތް ދުވަސްކޮޅާއި، ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަންޖެހިވަޑައިގަންނަވާނެ ބޭފުޅަކީ ގާސިމްކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއް ގެނައީ ވަރަށް ގިނަ ރައްޔިތުންގެ ބުރަ މަސައްކަތުން، ވަރަށް ފޮނި އުންމީދެއްގައިކަމަށާ އެހެންކަމުން ވެރިކަން ދެމެހެއްޓުމަށް ތިން ބާރުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރަައީސަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެނައުމަށް އިއްތިހާދުގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ނިންމާފައެވެ. އިދިކޮޅު ޕީޖީން މިގޮތައް ނިންމާފައިވަނީ 51 މެންބަރުންގެ ސޮޔާއިއެކު މަޖިލީހުގެ ރިޔާސަތުގައި މިހާރު ގަދަބާރުން އިންނެވި އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށްފަހުއެވެ.
އުންމީދަކީ އައު ދައުރުގެ މަޖިލީހުގެ ރައީސްކަމަށްވެސް ގާސިމް ގެނައުން: ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ