ކަރަންޓު ކެނޑެނީ އެމްޑީޕީގެ ސަރުކާރުން ސްޓެލްކޯ ތަރައްގީ ކޮށްފައިނުވާތީ: ރައީސް

މާލެއިން ކަރަންޓު ކެނޑެން ދިމާވާ އެންމެ ބޮޑު އެއްސަބަބަކީ އެމްޑީޕީގެ ސަރުކާރުން ސްޓެލްކޯއަށް ބޭނުންވާ ތަރައްގީ ގެނެސްފައިނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރަމުންދާ އެމްޑީއޭގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެެވެ.
ރައީސް ޔާމިން ވިދާޅުވީ ތިން އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައިރު ސްޓެލްކޯ ކުރިއަރުވާ ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި މާލެއިން ކަރަންޓު ކެނޑެން ދިމާވާ އެންމެ ބޮޑު އެއްސަބަބަކީ އެމްޑީޕީގެ ސަރުކާރުން ސްޓެލްކޯއަށް ބޭނުވާ ތަރައްގީ ގެނެސްފައިނުވާތީ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އަކީ ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭން ހޯދާ ފައިސާ ނޫން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގައި ދަތިތަކެއް ހުންނަ ކަމަށެވެ. އެގޮތުން ސަބްސިޑީ ދީފައި ދެން އެ ކުންފުނި ފޫބައްދަން ލާރި ނުދެވޭ ކަމަށްވާނަމަ މާދަމާ ފެންނާނީ އެ ކުންފުނި ބަނގުރޫޓު ވެފައި އޮންނަ ތަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތިން އަހަރުގެ ސަރުކާރެއް ނިމިގެންދިޔައިރު މާލޭގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރި އެއްވެސް އިންވެސްޓްމަންޓެއް ނެތް ކަމަށާއި މިއަދު އުފުލަންޖެހޭ އުދަނގުލަކީ އެކަމުގެ ސަބަބުން އުފުލަންޖެހޭ އުދަނގޫ ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ އާބާދީ ބޮޑުވެ އިމާރާތްތައް އުފުލެމުންދާއިރު މިއިން ކޮންމެ ތަނަކީ ކަރަންޓު އެތަށް ގުނައަކަށް އިތުރުވެގެންދާނެ އިމާރާތްތަކަކައް ވީހިނދު ސަބްސިޑީ ނުދޭ ކަމަށްވާނަމަ ދެން އެކުންފުނިން ދެކޮޅު ޖައްސައިގެން އެ ކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމަށް ފައިސާ ހޯދޭނެ ގޮތެއް ނޯންނަ ކަމަށެވެ.
"އަޅުގަނޑު ހަމަގައިމު، ސްޓެލްކޯގެ ޗެއާމަނަކާއި ހަވާލުވިއިރު ސްޓެލްކޯ އޮންނަނީ ދަރަނިވެރިވެފަ. ބޮޑު ދަރަނިވެރިވެފަ އޮތީ. މާލޭގެ އިންޖީނަށް ހޭދަ ކުރާނެ ލާރިއެއްނެތް. އަނެއްކާވެސް އެލާރި ހޯދަންޖެހޭނީ ބޭހަށް ދޭން ހުންނަ ލާރީގެ ތެރެއިން، ފަޅު ފުން ކުރަން ހުންނަ ލާރީގެ ތެރެއިން، ހޮސްޕިޓަލްތއް ތަރައްގީ ކުރުމަށް ހުންނަ ލާރީގެ ތެރެއިން، އަދި މުވައްޒަފުންގެ މުސާރަވެސް ދޭން ހުންނަ ލާރީގެ ތެރެއިން. މިގޮތަށް ފިނޭންސް އިން އެފައިސާ ހޯދަނީ." ސްޓެލްކޯ އަކީ ދެކޮޅުޖެހޭ ވިޔަފާރިކުރެވޭ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމިން އިތުރަށް ވިދާޅުވީ ސްޓެލްކޯ އަކީ ދެކޮޅުޖެހޭ ގޮތަށް ވިޔަފާރިކުރާ ކުންފުންޏަކަށް ވާނަމަ މާލޭގައި ދިރިއުޅޭ ރައްޔިތުން ކަރަންޓުން ފެންވެރިޔަސް އެއްވެސް މައްސަލައެއްނުޖެހި ބަރާބަރަށް ކަރަންޓު ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ތެރޭގައި ސްޓެލްކޯގެ އިންޖީނުތަކަށް އެއްވެސް ވަރަކަށް އިންވެސްޓް ކޮށްފައި ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިކަމަށް އިންވެސްޓް ކޮށްފައިނުވާތީ ގެއްލުންތަކަކާއި މިއަދު ކުރިމަތިލާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
" އޭރުގެ ސަރުކާރުން އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރިނަމަކާ މިއަދު ކަރަންޓެއް ނުކެނޑޭނެ. މިހާރު އަޅުގަނޑުމެން ޖަނަރޭޓަރުތައް އިތުރު ކުރުމަށް މަސައްކަތް މިކުރަނީ. މީހަމަ ފައިސާ ދެއްތޯ؟ މިފައިސާ ހޭދަކުރަން މިޖެހެނީކީއެއް ސަރުކާރުގެ ބަޖެޓަކުން ނޫނޭ. މިފައިސާ މިހޯދަނީ ސްޓެލްކޯއިން އުފައްދާ އެއްޗަކުން.މަދުވާ ތަންކޮޅު އެކަނި ސަރުކާރުގެ ބަޖެޓުން މި ހޯދަންޖެހޭނީ. އެހެންވީމަ ސާފް ވިސްނުމަކާއެކީގަ އަމާޒަކަށް ދަތުރު ކުރާ ކަމަށްވަންޏާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އިންޖީނުތަކުގެ ކެޕޭސިޓީވެސް އިތުރު ކުރެވޭނެ." ރައީސް ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ