އީޔޫ އޭޝިއާ އެކްސްޗޭންޖް ޕްރޮގްރާމަށް ކުދިން ހޮވުމުގެ ބައްދަލުވުން ރާއްޖޭގައި ފަށައިފި

އޭޝިއާ އާއި ޔޫރަޕްގެ މަތީ ތައުލީމްދޭ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުވެ، ތަޖުރިބާ އާއި ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް، ޔޫރަޕިއަން ކޮމިޝަނުން ފަންޑު ކޮށްގެން ކުރިއަށްގެންދާ "އިރަސްމުސް މުންޑުސް އެކްސްޕާޓްސް އޭޝިއާ – ޔޫރަޕް ޔުނިވާސިޓީ އެކްސްޗޭންޖް ސްކޮލާޝިޕް" ޕްރޮގްރާމަށް ކުދިން ހޮވުމުގެ ބައްދަލުވުން މިއަދު ފަށައިފި އެވެ.
ޔުނިވާސިޓީގެ އެކަޑެމިކް އެފެއާޒުގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފު މިއަދު ވިދާޅުވީ، ޔުނިވާސިޓީ އެކްސްޗޭންޖް ސްކޮލާޝިޕް ޕްރޮގްރާމަށް ކުދިން ހޮވާނީ އެ ޕްރޮގްރާމްގައި އޭޝިއާ އިންނާއި ޔޫރަޕުން ބައިވެރިވެފައިވާ ގައުމުތަކުން ހޮވާލެވޭ ސިލެކްޝަން ކޮމެޓީއަކުން ކަމަށެވެ.
އެގޮތުން މިއަދު ގައުމީ ޔުނިވާސިޓީގައި އެ ކޮމެޓީގެ ބައްދަލުވުން ފަށާފައިވާއިރު އެ ކޮމެޓީގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑޮނޭޝިއާ، ސްވިޑްން އަދި ޖަރުމަންގެ ބޮޑެތި ޔުނިވާސިޓީތަކުން ވަނީ ބައިވެރިވެފަ އެވެ.
އިރަސްމުސް މުންޑުސް އެކްސްޕާޓްސް އޭޝިއާ – ޔޫރަޕް ޔުނިވާސިޓީގެ އެކްސްޗޭންޖް ސްކޮލާޝިޕް ޕްރޮގްރާމުގައި ޔޫރަޕުން ހަތް ގައުމަކާއި އޭޝިއާގެ 13 ގައުމެއް ބައިވެރިވެ އެވެ.
އަލީ ޝަރީފް ވިދާޅުވީ، އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ގައުމުތަކުގެ ތެރެއިން، އެ ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާއިރު ރާއްޖެއިން އެ ޕްރޮގްރާމަށް ހަތް ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ.
ޖުލައި މަހު ފަށާ އެ ޕްރޮގްރާމްގެ ދަށުން 183 ދަރިވަރިވަރަކަށް ފުރުސަތު ދޭން ނިންމާފައިވާއިރު، އޭޝިއާއިން ޔޫރަޕަށް 135 ފަރާތަކާއި ޔޫރަޕުން އޭޝިއާއަށް 48 ފަރާތަކުން ކިޔެވުމަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕްރޮގްރާމުގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ނެޓްރާ ބަންޑާރީ ވިދާޅުވީ، އެ ޕްރޮގްރާމަށް ކޮންމެ ގައުމަކަށްވެސް ކޯޓާ ދީފައިވާއިރު، ރާއްޖެއަށް ދީފައިވަނީ ގާތްގަނޑަކަށް 10 ވަރަކަށް ކޯޓާ ކަމަށެވެ. ނަމަވެސް އިތުރަށް ކޯޓާ ބޭނުންވާނަމަ އިތުރުކުރެވޭ ވަރަކުން އިތުރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފަހަރުގެ ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން މިއަހަރުގެ ފެބްރުއަރީ މަހަށް ހުޅުވާލި ފުރުސަތެއް ކަމަށާއި އެ ޕްރޮގްރާމް ފެށިގެންދާނީ އަންނަ ޖުލައި މަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމްގެ ދެވަނަ ފުރުސަތު އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވައިލާނެ ކަމަށްވެސް ނެޓްރާ ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ، އެ އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އަމިއްލަ މަތީ ތައުލީމް ދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި އެކެޑެމިކް މުވައްޒަފުންގެ އިތުރުން އިދާރީ މުވައްޒަފުންނަށްވެސް އެއް މަހާއި 10 މަސް ދުވަހުގެ މުއްދަތަށް ޔޫރަޕްގެ އެކިއެކި ޔުނިވާސިޓީތަކުގައި ކިޔެވުމާއި އަމަލީ ތަޖުރިބާ ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްގެ ދަށުން އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ކޯސްތަކުގައި ކިޔެވުމަށް ޔޫރަޕްގެ ޔުނިވާސިޓީތަކުން ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
"އިރަސްމުސް މުންޑުސް އެކްސްޕާޓްސް އޭޝިއާ – ޔޫރަޕް ޔުނިވާސިޓީގެ އެކްސްޗޭންޖް ސްކޮލާޝިޕް" ޕްރޮގްރާމާއި ގުޅިގެން އިތުރު މައުލޫމާތު ފޯރުކޮށް ދިނުމަށްޓަކައި އާއްމުކޮށް ހުޅުވާލައިގެން މާދަމާ 10:30 ގައި ޔުނިވާސިޓީގެ މައި އޮޑިޓޯރިއަމްގައި ބައްދަލުވުމެއް ބާއްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ