ޕީޕީއެމްއާއި މަޝްވަރާ ކުރަންޖެހެނީ ހަރުކަށިފިކުރުގެ އަމަލުތައް ހުއްޓުވަން: އަހުމަދު ހަލީމް

އެމްޑީޕީއިން ޕީޕީއެމްއާއި މަޝްވަރާ ކުރަންޖެހެނީ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް ހުއްޓުވަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 179 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވަނީ ކުރީގެ ރައީސް ޔާމީނާއި އެމްޑީޕީ އިން ގުޅުން ބަދަހި ކުރަން މަސައްކަތް ކުރާކަމަށްބުނެ އެމްޑީޕީގެ ތެރޭގައި ހަގީގަތާއި ހިލާފުވާހަކަ ދައްކާކަމަށްބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހަލީމް ވިދާޅުވީ، މިހާރަކަށްއައިސް އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، އެމްޑީޕީން ރައީސް ޔާމީނާއި "އިންނަން" ނުވަތަ ގާތްވާން، މާކައިރިވާން، މާރަޙުމަތްތެރިޔަކަށް ވެގެން މާބޮޑު މަސައްކަތެއް ކުރަން އުޅޭ ވާހަކަ ކަމަށެވެ.
އެގޮތުން، ރައީސް ޔާމީނާއި ގުޅުން ބަދަހިކުރާކަމުގެ ވާހަކަ، ރައީސް ޔާމީންގެ "ދޫވެހީގައި ގޮސް ތިބޭވަރަށް" އެމްޑީޕީގެ ބައެއް މެންބަރުންނާއި ޕާޓީގެ ރައީސް (ރައީސް ނަޝީދު) އާއި ގުޅުވާ އެބަ ދައްކާ ކަމަށެވެ. އަދި މިއީ ކަނޑައެޅިގެން އެމްޑީޕީގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ބަޔަކު ރާވައިގެން ހިންގާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، އެމްޑީޕީއާއި ޕީޕީއެމް އެއީ ކަނޑައެޅިގެން ދެ ފިކުރު ކަމަށާއި، އެހެންނަމަވެސް، އެއީވެސް ދިވެހި ރައްޔިތުން ކަމަށެވެ.
އަދި ޕީޕީއެމްއާއި މަޝްވަރާ ކުރަންޖެހެނީ މާލޭގެ ގޭގޭ ދޮރުމަތީ ބޮން ގޮއްވާ ހިސާބަށް ކަންކަން ގޮސްފައިވާތީ އާއި ހަރުކަށި ފިކުރުގެ މީހުންގެ އެ އަމަލުތައް ހުއްޓުވަން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ ކަންކަން ހުއްޓުވުމަށް އެންމެ މުނާސަބު ޕާޓީއަކީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ޕީޕީއެމްއާއި މަޝްވަރާ ކުރަންޖެހެނީ، ޕީޕީއެމްއަކީ ރާއްޖޭގައި އޮތް ބޮޑު ޕާޓީއެއް ކަމަށް ވާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް އަދި ރައީސް ޔާމީނާއި އެކު އިއްތިހާދު ހަދަން ބޭނުންފުޅު ވެލައްވާކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ދާޓީ 2 ޕާޓީގެ މެމްބަރުންގެ މެދުގައިވެސް އަންނަނީ ޚިޔާލު ތަފާތުވުން އުފެދި އެކި ގޮތްތަށް މިވާހަކަތައް ދެކެވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ