ރައީސް ޔާމީނަކީ ވަރަށް ސްޓްރޯންގް ކެންޑިޑޭޓެއް: އުމަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވަރުގަދަ ކެންޑިޑޭޓަކަށް ވާނެކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޔާމީނާއި ވާދަކުރެއްވި، އަދި ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަން ވެސް ކުރެއްވި އުމަރު ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަން ވުމުން ރާއްޖޭގެ ސިޔާސީ މަސްރަހަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ރައީސް ޔާމީން ވާނީ 2023 ވަނަ އަހަރު ސަރުކާރުގެ ކެންޑިޑޭޓަށް ބޮޑު ޗެލެންޖަކަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ."ވަރަށް ބޮޑު ބަދަލެއް އަންނާނެ. ރައީސް ޔާމީނަކީ ވަރަށް ސްޓްރޯންގް ކެންޑިޑޭޓެއް. އޭނާގެ ބައިވަރު އުނި ސިފަތަކެއް އެބަހުރި. އަދި ބައިވަރު ރަނގަޅު ކަންތައްތަކެއް ވެސް އެބަހުރި. އެހެންވީމަ އޭނަ ވާނެ ސަރުކާރުގެ ކެންޑިޑޭޓަށް އޮންނަ ވަރަށް ބޮޑު ޗެލެންޖަކަށް. އަދި އަޅުގަނޑަށް ވެސް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ. އެހެންވީމަ ރައީސް ޔާމީން ވާނެ ސްޓްރޯންގް ކެންޑިޑޭޓަކަށް." އުމަރު ވިދާޅުވިއެވެ.ރައީސް ޔާމީން މިނިވަންވުމަކީ ސަރުކާރުން ކުރިން ލަފާ ކުރި ކަމަކަށް ނުވާތީ އެކަން ސަރުކާރަށް ސަޕްރައިޒަކަށް ވެފައިވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް އުމަރު ތުހުމަތުކުރެއްވި އެވެ. އެކަން ކުރުމަށްޓަކައި ކޯޓުގައި ހުރި ރައީސް ޔާމީންގެ މައްސަލަތަކުގައި ހުކުމެއް ކުރަން ސަރުކާރުން ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ."ވެރިކަން ދެން ލިބޭނީ ދީނީ، ގައުމީ ފަޅިއަށް. ޔާމީން ވެރިކަން ކުރިޔަސް އަޅުގަނޑު ވެރިކަން ކުރިޔަސް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު ކާމިޔާބު ކުރާނެ މިފަހަރު،" އުމަރު ވިދާޅުވި އެވެ. ރޭ "ސަންގު ޓީވީ" ގައި ވާހަކަދައްކަމުން އުމަރު އިތުރަށް ވިދާޅުވީ އޭނާ ޖަލަށްލެވޭތޯ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީންގެ ސަރުކާރުގައި ވެސް މަސައްކަތް ކުރި ކަމަށާއި މި ސަރުކާރުން ވެސް ކުރަމުންދަނީ އެ މަސައްކަތް ކަމަށް އުމަރު ވިދާޅުވި އެވެ."ސިޔާސީ މަސައްކަތް ކުރާއިރު އަޅުގަނޑުމެން މިތިބެނީ ތައްޔާރުވެގެން މިކަހަލަ ހަމަލާތަކަށް އަބަދުވެސް. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކޮރަޕްޝަނެއް ނެތް، ފަސްބައި ސާފު ވަރަށް މަދު މީހަކު ތިބޭނީ. އަޅުގަނޑުމެން ކަހަލަ ވަރަށް މަދު މީހަކު. އެހެންވީމަ އަޅުގަނޑުމެން ހަރާބުކޮށްލެވިއްޖެނަމަ ހުރިހާ ވަގުންގެ ލިސްޓަށް އަޅުގަނޑު ވެސް ލެވިފައި އޮންނާނެ." އުމަރު ވިދާޅުވި އެވެ.އުމަރު ވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރިޔަ ނުދިނުމަށްޓަކައި ވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އުމަރުގެ މައްސަލައެއް ތަހްގީގު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް އޭސީސީ އިން މިހާރު ވަނީ ޕީޖީގައި އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ