ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބެންކޮކް ހޮސްޕިޓަލާއި އެކު ޑިފެންސް މިނިސްޓަރު އަދި ހެލްތް މިނިސްޓްރީ ވަގުތީގޮތުން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ނާޒިމް މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާތައް ބޭއްވުނީ ރާއްޖޭގައި ދެމުން ގެންދާ ސިިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިމަހުގެ 21 އިން ފެށިގެން މިނިސްޓަރު ތައިލެންޑަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ. މިދަތުރުފުޅުގައި ބެންކޮކް ހޮސްޕިޓަލްގެ ސީނިއަ މެނޭޖްމަންޓާއި އެތަނުގެ ޑައިރެކްޓަރުންނާއި މިނިސްޓަރު ވަނީ މިމަހު 22 ވަނަ ދުވަހު ބައްދަލު ކުރައްވާފަ އެވެ.
މިބައްދަލުވުމުގައި ރާއްޖޭގައި ދެމުން ގެންދާ ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމާއި، އައިޖީއެމްއެޗް އާއި ސެނަހިޔަ ހޮސްޕިޓަލަށް ބޭނުންވާ ސިއްހީ އިކުއިޕްމަންޓްތަކާއި އާލާތްތައް ހޯދުމާއި، ބަލި މީހުންނަށް ބޭނުންވާ އެންމެހައި ބޭސްތައް ހުސްނުވެ ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ގާއިމުކުރުމާއި ބެހޭގޮތުންނާއި ހެލްތް ކްލިނިކް ޚިދުމަތްތައް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުންނާއި، އަދި ރާއްޖެއިން ލިބެން ނުހުންނަ ސިއްހީ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ބެންކޮކް ހޮސްޕިޓަލުން ދެވޭނެގޮތް ހަމަޖެއްސުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން އައިޖީއެމްއެޗް އިން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގައި ޓެލެމެޑިސިން ހިދުމަތްްތަކުގެ ފެންވަރު ރަގަޅުކުރުމާއި އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ބޭސް ފަރުވާގެ ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި ބެންކޮކް ހޮސްޕިޓަލާއި އައިޖީއެމްއެޗް އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއިކުރުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެ އެވެ. އަދި މި މަޝްވަރާތަކަށްފަހު އެކުލަވާލުމަށް އެއްބަސްވެވުނު އެމްއޯޔޫގައި ސޮއިކުރުމަށްޓަކައި ބެންކޮކް ހޮސްޕިޓަލްގެ ސީނިއަ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރައްވާގޮތަށްް ހަމަޖެހިފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލުގެ ސީނިއަ މެނޭޖްމަންޓް ޓީމާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ރާއްޖޭގައި ސްޕެޝަލިސްޓް ޑޮކްޓަރުން މަދުވެފައިވާ ދާއިރާތަކަށް ބެންކޮކް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ޑެޕިއުޓޭޝަން އުސޫލުން ރާއްޖޭގައި މަސައްކަތްކުރެއްވުމަށް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިިފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
މިދަތުރުފުޅުގައި މިނިސްޓަރު ނާޒިމްގެ އަރިހުގައި އައިޖީއެމްއެޗްގެ ފަރާތުން ޑރ. އަލީ ލަތީފާއި އަދި ސެނަހިޔަ ހޮސްޕިޓަލްގެ ފަރާތުން ޑރ. އަލީ ޝާހިދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު ރަގަޅުކުރަން ބެންކޮކް ހޮސްޕިޓަލާ މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ