ރައްޔިތުން އޮބަހައްޓައި، ކުރީގެ "ފިނިހަކަ ދުވެއްޔަށް" ވަނީ އަމާޒު ހިފާފައި: ނަޝީދު
ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމުގެ ބަދަލުގައި މިހާރު އަނެއްކާވެސް ފެންނަނީ ހައްގުތަކުން މަހްރޫމްކޮށް، ރައްޔިތުން އޮބަހައްޓައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަަހަރުގެ "ފިނިހަކަ ދުވެލީ" ގައި ގައުމު ކުރިއަށް ގެންދަން އަމާޒު ހިފާފައިވާ މަންޒަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. މައުމޫންގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލުމަށް އޯގަސްޓް 12، 13، 2004 ގައި ޖުމްހޫރީ މައިދާނަށް އެއްވި އެއްވުން "ކަޅު ހުކުރު" ގެ ނަމުގައި ފާހަގަކުރަން އިދިކޮޅު އެމްޑީޕީ އިން މާލޭ ސިޓީ ހޯލުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކޮށް، ރައްޔިތުންނަށް ހޯދައިދިން ހައްގުތައް ނިގުޅައިގަންނަމުން ދާ ކަމަށެވެ. ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައި، މައުމޫންގެ ވެރިކަމުގައި ރައްޔިތުންނަށް ދެއްކި "އަވާމެންދުރު" އަނެއްކާވެސް ދައްކަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."އަޅުގަނޑުމެން އޮގަސްޓް 13،12 ފާހަގަކުރާއިރު އެނގިވަޑައިގަންނަވާނެ ވެރިކަމަށް ވަޑައިގަންނަވަން ވެ ވަޑައިގެންނެވި ވަރަށް މަދު ވައުދެއް ވެސް ފުއްދި މަންޒަރެއް ނުފެނޭ. އަޅުގަނޑުމެންނަށް ބިރު ދެއްކުމުގެ ބޭނުމަކީ ތާ އަބަދަށް އެބޭފުޅުން ވެރިކަމުގައި ދެމިތިބުމަށް. އަޅުގަނޑުމެން މިރޭ ފާހަގަ މި ކުރަނީ އުއްމީދުގެ ދުވަސް. އަޅުގަނޑުމެން ބިރުގަންނަނީ އެންމެ ފަރާތެއް ދެކެ. ގަދަ ކީރިތިވަންތަ، ދެކެދެނެގޮވޮޑިގެންވާ މާތް ރަސްކަލާގެ ފިޔަވައި އެހެން ފަރާތެއް ދެކެ ބިރެއް ނުގަންނާނެ،" މަރުގެ އިންޒާރުގެ މެސެޖް ފޮނުވައިގެންނާއި އެ ނޫން ގޮތްގޮތަށް ސަރުކާރުން ރައްޔިތުންނަށް ބިރުދައްކަމުންދާ ކަމަށް ތުހުމަތުކުރައްވައި ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ މައުމޫންގެ ދިގު ވެރިކަން ހިންގީ ރައްޔިތުންގެ ތަރައްގީ އާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ނޫން ކަމަށެވެ. އެ ވެރިކަން ހިންގީ ލާ އިންސާނީ އެތައް އަނިޔާތަކަކާ އެކު ރައްޔިތުންނަށް އެތައް ހިތްދަތި ކަމަކާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ރައްޔިތުން ހިފަހައްޓައި އޮބަހައްޓައިގެން އުޅުނު އުޅުން 2008 ގައި މިނިވަންކުރި ނަަމަވެސް، ނަޝީދު ވިދާޅުވި ގޮތުގައި، މިހާރު އަނެއްކާވެސް ފެންނަނީ އެ މިސްރާބަށް އަމާޒުހިފާފައިވާ ތަނެވެ. އެގޮތުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.އޯގަސްޓް 12، 13 ފާހަގަކުރަން އެމްޑީޕީން ރޭ މާލޭގައި ބޭއްްވި ބައްދަލުވުން.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ނަޝީދު ވިދާޅުވީ އޭރު ވެސް ރައްޔިތުން ބޭނުންވީ ބޯހިޔާވަހިކަމާއި ތައުލީމާއި ބޭސްފަރުވާއާ އެކު ތަނަވަސް ދިރިއުޅުމެއް ކަމަށެވެ. އެހެންނަމަވެސް އެ އުއްމީދު ހަގީގަތަކަށް ނުވެ، ޖަލުގައި އަނިޔާވެރިކޮށް އީވާން ނަސީމު މަރާލައި އެ ނޫން ވެސް ރައްޔިތުންނަށް ގެއްލުން ލިބޭ އެތައް ކަމެއް ހިންގާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.ނަޝީދު ވިދާޅުވީ އޮގަސްޓު 12 އަދި 13 ގައި މައުމޫންގެ ވެރިކަމާ ދެކޮޅަށް ނުކުތް އެތައް ބަޔަކަށް ތަޅައި އަނިޔާކޮށް ނުހައްގުން ހިފައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މުވާސަލާތީ ހިދުމަތްތައް ކަނޑާލައި ފަރުދީ މިނިވަންކަން ނަގާލި ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ފަނޑުވެގެންދާނެ އަނިޔާއަކަށް ނުވާތީ، ގާނޫނު އަސާސީ އިސްލާހުކޮށް ގިނަ ސިޔާސީ ޕާޓީތަކަށް ވާދަކުރެވޭ އިންތިހާބަކަށް މަގުފަހިކުރީ ރައްޔިތުންގެ ބިރު ފަހަނައަޅައި ގޮސްގެން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ "ހުދުމުހުތާރު" ވެރިކަން އޮގަސްޓު 12، 13 ގައި ވައްޓާލެވެން އޮތެވެ. އެހެން ނަމަވެސް މައުމޫނަށް ފުރުސަތެއް ދިނީ، ގަދަބާރުން ވެރިކަން އަތުލުމަކީ ރަނގަޅު ގޮތަކަށް ނުވާތީ ކަމަށް ނަޝީދު ވިދޅުވި އެވެ."އޮގަސްޓު 12، 13 ވަނަ ދުވަހު އަޅުގަނޑުމެންނަށް ނިންމުނު އެންމެ ބޮޑު ނިންމުމަކީ އެ ބިރުވެރިކަމުގައި ނުތިބުމަށް ނިންމި ނިންމުން. އެ ދުވަހު މައިދާނުގައި ތިބި މީހުންނަށް ވަރަށް ސާފު. އެ ދުވަހު ވެސް ރައީސް މައުމޫންގެ ވެރިކަން ފުރޮޅިދާނެ. އޮނަރަބަލް އިލްޔާސް އިބްރާހިމްގެ ވެރިކަމަކަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް އަޅުގަނޑުމެންނަށް ލަފާވި ނަމަ އިލްޔާސް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހެދުނީސްކަން މިތަނަށް ވަޑައިގެން ތިއްބެވި ގިނަ ބަޔަކަށް ސާފުވާނެ،" ނަޝީދު ވިދާޅުވި އެވެ. ރާއްޖެ އަކީ ނިކަމެތި، ފަގީރު ތަނެއް ކަން މައުމޫންގެ ވެރިކަމުގައި ރައްޔިތުންނަށް ވިސްނައިދީ ހިތުގައި ބިންވަޅު ނަަގައިދޭން މަސައްކަތް ކުރި ކަމަށާއި އެ ހީލަތްތެރި ރޭވުމަށް ހުރަސްއެޅީ އެމްޑީޕީން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ