އަބްދުﷲ ގާޒީ ހައްޔަރުކުރަން އެއްވެސް ފަރާތަކުން އަމުރެއް ނުކުރޭ: ޖަލީލު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރަން އެއްވެސް ފަރާތަކުން އަމުރުކުރައްވާފައި ނުވާ ކަމަށާއި އަދި އެފަދަ އެއްވެސް އަމުރެއް އޭނާ ވެސް ކުރައްވާފައި ނުވާނެ ކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެގޮތަށް ވިދާޅުވީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގަ އެވެ.
ދައުލަތުގެ ދައުވާ އަށް އިންކާރު ކުރައްވަމުން މޫސާ ޖަލީލު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ސިފައިންގެ އެންމެ މަތީވެރިޔާ ވެސް އަދި ދިފާއި ވަޒީރު ވެސް އޭނާ އަށް އަމުރު ކުރައްވާފައި ނުވާ ކަމަށާއި އަދި އެފަދަ އެއްވެސް އަމުރެއް، އޭނާގެ ދަށުން ތިބި ބައެއްގެ މައްޗަށް އޭނާ ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާ އަބްދުﷲ ގާޒީ ހައްޔަރު ކުރައްވާފައި ވެސް ނުވާނެ ކަމަށާއި 22 ދުވަސްވަންދެން އަބްދުﷲ ގާޒީ ގިރިފުށީގައި ބެހެއްޓިއިރު އަބްދުﷲ ގާޒީއާ ގުޅޭ އެއްވެސް ކަމެއް ކުރުމަށް ވެސް އެއްވެސް ފަރާތަކުން އޭނާ އަށް އަމުރުކުރައްވާފައި ނުވާ ކަމަށް ވެސް ޖަލީލު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި ޖަލީލުގެ ވަކީލް އަލީ ހުސައިން ވަނީ ދައުވާ އަށް ޖަވާބުދާރީވުމުގެ ކުރިން އިޖްރާއީ ދެ ނުކުތާއެއް ނަންގަވައިފަ އެވެ. އެއީ ހުޅުމާލޭ ކޯޓުގައި ޖަލީލުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހުށަހެޅުއްވި ނުކުތާއަކާއި އެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗަކީ ސައްހަ ބެންޗެއް ނޫން ކަމަށް ބުނެ ހުށަހެޅުއްވި ނުކުތާ އެވެ.
އެ ކޯޓުގައި ޖަލީލުގެ މައްސަލަ ނުބެލޭނެ ކަމަށް ވިދާޅުވެ ހުށަހެޅުއްވި ނުކުތާގައި އަލީ ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކަށް ބެލޭނީ އެ ކޯޓެއް ހުންނަ ދާއިރާއެއްގައި ދާއިމީ އެޑްރެސް ހުންނަ މީހުންގެ މައްސަލަތައް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މޫސާ ޖަލީލުގެ އެޑްރެހަކީ ހުޅުމާލޭގެ އެޑްރެހެއް ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވަނަ ނުކުތާގައި އޭނާ ވިދާޅުވީ އެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށާއި ނަމަވެސް ބެންޗު ކަނޑައެޅުމުގެ ބާރު ޖޭއެސްސީ އަށް ލިބިގެންނުވާ ކަމަށެވެ. ހުޅުމާލޭ ކޯޓުގެ ސައްހަކާމެދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ތަފާތުވި ރައުޔުން އެކަން އެނގިގެންދާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުކުމުގައި ބެންޗް ކަނޑައެޅުމާ ގުޅޭގޮތުން ނިންމުމެއް ނިންމާފައިވަނީ ފަނޑިޔާރު މުއުތަސިމް އެކަނި ކަމަށާއި އެހެން ފަނޑިޔާރަކު އެކަމުގައި އެއްޗެއް ވިދާޅުވެފައި ނެތް ކަމަށެވެ. އެހެންކަމުން އިތުރު ފަނޑިޔާރަކު އެކަމުގެ އެއްޗެއް ވިދާޅުވެފައި ނެތުމުން ބެންޗު ކަނޑައެޅުމަކީ ޖޭއެސްސީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓަށް މިހާރު ނިންމިފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އެ ދެ ނުކުތާގެ ތެރެއިން ޕީޖީ އޮފީހުން ޖަވާބުދާރީވެފައި ވަނީ އެ މައްސަލަ ހުޅުމާލޭ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާގައި އެކަންޏެވެ. އެ ނުކުތާއާ ބެހޭގޮތުން ޕީޖީގެ ވަކީލް ހުސައިން ނާޝިދު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ހުޅުމާލޭއަކީ މާލޭގެ ބައެއް ކަމަށް ބަލާފައިވާ ކަމަށެވެ. އަދި މޫސާ ޖަލީލުގެ ދާއިމީ އެޑްރެސް އޮންނަނީ މާލޭގައި ކަމުން އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ނާޝިދު ވިދާޅުވި އެވެ. އަދި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެ މައްސަލަ ހުޅުމާލޭ ކޯޓަށް ބެލޭނެ ކަމަށް ކަމުގައި ވެސް ނާޝިދު ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓުގެ ބެންޗާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ދައުލަތުން ދެކޮޅު ހެދި އެވެ. އެކަމާ ގުޅޭގޮތުން ނާޝިދު ވިދާޅުވީ އެ ބެންޗު ކަނޑައެޅުމުގައި އެ ފަރާތުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި އެހެންކަމުން އެކަމުގައި ބުނާނެ އެއްޗެއް ނެތް ކަމަށެވެ.
ދެ ފަރާތުގެ ވާހަކަތަކަށްފަހު އިޖްރާއީ ނުކުތާތަކާ ގުޅޭގޮތުން ފަނޑިޔާރުން ގޮތެއް ނިންމެވި އެވެ. އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން ފަނޑިޔާރުން ނިންމީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. އެއީ އެގޮތަށް ހައި ކޯޓުން ނިންމާފައިވާތީ އާއި ހައި ކޯޓުގެ އެ ހުކުމަށް ބަދަލެއް އައިސްފައިނުވާތީ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
ބެންޗާ ގުޅޭގޮތުން ފަނޑިޔާރުން ނިންމީ އެ ނުކުތާއަކީ އެ ފަނޑިޔާރުންނަށް ގޮތެއް ނުނިންމޭނެ ނުކުތާއެއް ކަމަށެވެ. އެއީ ބެންޗެއްގެ ސައްހަކަމާ މެދު އެ ބެންޗަކުން ގޮތެއް ނުނިންމޭނެތީ އާއި އެކަމަކީ އެހެން ފަރާތަކުން ގޮތެއް ނިންމަންޖެހޭ ކަމެއް ކަމަށްވާތީ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
ނަމަވެސް ޖަލީލުގެ ވަކީލް ވަނީ ތިން ވަނަ ނުކުތާއެއް ވެސް ނަންގަވައިފަ އެވެ. އަލީ ހުސެއިން ވިދާޅުވީ ޖަލީލުގެ މައްސަލަ ތަހުގީގުކުރީ ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުން ގުޅިގެން ކަމަށެވެ. އަދި ދައުވާކޮށްފައި ވަނީ ވެސް އެ ދެ ފަރާތުގެ ބަޔާންތަކަށް ރިއާޔަތްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަނަކީ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިގެންވާ ކޮމިޝަނެއް ނޫން ކަމަށާއި އަދި އެއީ އެ ކޮމިޝަނުން ކުރި ތަހުގީގެއް ވެސް ނޫން ކަމަށް އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަން މާނަކޮށްފައިވަނީ އެ ކޮމިޝަންގެ ފަސް މެމްބަރުންގެ މައްޗަށް ކަމަށާއި އޭގެ ތެރޭގައި އެ ކޮމިޝަންގެ މުވައްޒަފުން ނުހިމެނޭ ކަމަށެވެ. ނަމަވެސް ޖަލީލުގެ މައްސަލަ ތަހުގީގުކުރީ އެ ކޮމިޝަނުގެ މުވައްޒަފުން ކަމަށްވާތީ އެ ތަހުގީގަކީ ޣައިރު ގާނޫނީ ތަހުގީގެއް ކަމަށް އަލީ ވިދާޅުވި އެވެ.
ނަމަވެސް ދައުލަތުން އެކަމަށް އިންކާރު ކުރި އެވެ. ދައުލަތުގެ ވަކީލް ނާޝިދު ވިދާޅުވީ އެ ކޮމިޝަނުން ބެލީ އަބްދުﷲ ގާޒީގެ ހައްގުތަކެއް ގެއްލިފައިވާތީ އެކަންތައްތައް ކަމަށެވެ. އަދި އެކަންތައް ބެލުމަށް އެންގެވީ ވެސް ޕީޖީ ކަމަށާއި އެގޮތަށް އެންގީ އޭރުގެ ކަންތައްތައް އޮތްގޮތުން އެ މައްސަލަ ބެލެން އޮތީ އެ ކޮމިޝަނަށް އެކަނި ކަމަށް ޕީޖީއަށް ގަބޫލު ކުރެއްވިގެން ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ. އަދި އެ ތަހުގީގަކީ ގާނޫނާ އެގޮތަށް ކުރެވުނު ތަހުގީގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނުކުތާއަށް ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. ހެކި ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުލަތުން ވަނީ މޫސާ ޖަލީލާ ދެކޮޅަށް ގިނަ ހެކިންތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ދަށުން ކުރިން ހުންނެވި ފަރުހަތު ޝަހީދާއި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާއި ކުރީގެ އިންޓެލިޖެންސް ހެޑް އަހުމަދު ނިލާމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި އޭނާގެ ދަށުން ހުންނެވި އިސްމާއިލް އަތީފް ހިމެނެ އެވެ. އަދި އަބްދުﷲ ގާޒީ އާއި ސިފައިންގެ ބައެއް އޮފިސަރުންގެ އިތުރުން ބައެއް ލިޔުންތަކާއި ވީޑިއޯ ފުޓޭޖްތަކެއް ވެސް ދައުލަތުން ހުށަހެޅި އެވެ.
ޖަލީލުގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ނިންމެވުމުން ޖަލީލު އެކަމުގައި ބައިވެރިވެ ވަޑައިގެން 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާތީ އާއި އަދި އެ ރެއިން ފެށިގެން ފެބްރުއަރީ 7 ވަނަ ދުވަހާ ހަމައަށް ގާޒީ ބަންދުކޮށްފައިވާތީ ދައުވާކުރާ ކަމަށެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ދައުވާ އަށް ޖަވާބުދާރީވުމަށް 23 ދުވަހުގެ މުހުލަތެއް ޖަލީލަށް ދެއްވުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ