އެކި ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ވިލާ ފައުންޑޭޝަންގެ އެހީއަށް އެދިފައިވާ ތަންތަނަށް އެތަކެތި ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު މެދު ދާއިރާގައި ޖުމްހޫރީ ކޯލިޝަންގެ ޖަގަހަ ހުޅުވުމަށްބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމް ވިދާޅުވީ އެހީތެރި ކަމަށް އެދުނު އެއްވެސް ސްކޫލަކަށް އެ މަނިކުފާނު ނޫނެކޭ ބުނެފައި ނުވާނެ ކަމަށެވެ.
ޒަމާނީ ތައުލީމް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަށް ހޯދުމަށް ވަރަށް ގިނަ ސްކޫލްތަކުން ވިލާ ފައުންޑޭޝަންގައި އެދުނު ކަމަށާއި އެގޮތުގެ މަތިން ކޮމްޕިއުޓަރު ސިސްޓަމާއި ލެޕްޓޮޕާއި އެލްސީޑީ ޓީވީއާއި ޕްރޮޖެކްޓަރާއި ސްމާޓް ބޯޑު ފަދަ ތަކެތި ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އާދެ ސްމާޓް ބޯޑު. އާދެ އެލްއީޑީ، އެޗްޑީ، ތްރީޑީ ޓީވީ. އޭގެ އިތުރަށް ލެޕްޓޮޕް. އޭގެ އިތުރަށް ކޮމްޕިއުޓާ ސިސްޓަމް. އެހެންގޮސް އެބޭފުޅުން ވިދާޅުވިއްޔާ ވިދާޅުވި ހުރިހާ އެއްޗެއް ދިނުމަށް އަޅުގަނޑު ވަނީ ނިންމާފައި. ޕްރޮޖެކްޓަރު ސްކްރީން ދެން އެހެން ގޮސް މިހުރިހާ އެއްޗެއް މިހާރު އެދަނީ ޑެލިވާ ކޮށްދެމުން. ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް މާތްﷲގެ ވާގިފުޅާ އެކު އެއީ މަތީތައުލީމް ދިނުމަށް ބޭނުންވާ ތަކެތި،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމްޕިއުޓާ ތައުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކައި މީގެ އަށް އަހަރު ކުރިން 16 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ސްކޫލްތަކަށް ކޮމްޕިއުޓާ ސިސްޓަމް ދެއްވާފައި ކަމަށެވެ.
ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ދައުލަތުގެ ޚަރަދުގައި ޕްރީސްކޫލެއް ގާއިމް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ ކޯލިޝަންގެ މެނިފެސްޓޯގައި ހިމަނާފައިވާ އެކަހަލަ ސިޔާސަތުތަކުގެ އަލީގައި ރައްޔިތުން ކުރިއެރުން ބޭނުންވާނަމަ އެހެން މެނިފެސްޓޯއެއްގައި ހިފަން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހަކު ދައްކާ ދޮގު ވާހަކައެއްގައި ޖެހި ރައްޔިތުންގެ ތެރެއިން ބަޔަކު ހެއްލިގެން ދާތީ އެކަމާ ވަރަށް ދެރަވާ ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް އެމްޑީޕީ މެމްބަރުންގެ އަދަދު އަންނަނީ މަދުވަމުން ކަމަށާއި އޭނާ މަސައްކަތް ކޮށްގެން ވެރިކަމަށް ގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެން ރާއްޖޭގައި ވެރިކަމެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމްޕިއުޓަރާއި ލެޕްޓޮޕް، ޓީވީ، ޕްރޮޖެކްޓަރު، ސްމާޓް ބޯޑު ފަދަ ތަކެތިފޯރުކޮށްދެމުން އަންނަ ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ