މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ގާސިމް ކޯޓަށް ހާޒިރުވެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ގާސިމް އިބްރާހީމް މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމަށް މީގެ ކުޑައިރުކޮޅެއްގެ ކުރިން ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގެންފި އެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާގެ ތެރެއިން މިއަދު ކޯޓުގައި ބާއްވާ އަޑުއެހުމަކީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅަން އުޅުއްވިކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރާ ދައުވާ އެވެ. މިއަދުގެ އަޑުއެހުމަށް ގާސިމް ކޯޓަށް ވަޑައިގެންފައި ވަނީ ނުވަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށްފަހު އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައި ވަނިކޮށެވެ.
ގާސިމްގެ މައްޗަށް ޕީޖީގެ ފަރާތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާއަކާއި 511 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާއަކާއި 540 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާއެކެވެ.
މިއީ މިދައުވާތައް ގާސިމް އިބްރާހީމްގެ މައްޗަށް އުފުލުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ދައުވާ އުފުލިފަހަރު ޝަރީއަތް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ ފަހު ބަޔަށް ޕީޖީގެ ވަކީލުން ހާޒިރު ނުވުމުން މިމައްސަލަ އޭރު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކޯޓުން މައްސަލަ ބޭރުކޮށްލާފައެވެ.
ހަމައެރޭ ކްރިމިނަލްކޯޓުގެ އިސްގާޒީ އެހެން ކޯޓަކަށް ޖޫޑިޝަލް ސާވިސް ކޮމިޝަނުން ބަދަލުކުރިއެވެ. އޭގެ އަނެއްދުވަހު ޕީޖީގެ ފަރާތުން ވަނީ އަލުން މިމައްސަލަ ކްރިމިނަލްކޯޓަށް ވައްދާފައެވެ. މިހާރު ކުރިއަށް މިދަނީ އެމައްސަލައިގެ އަޑުއެހުންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ