އިންތި ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގައިފި

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އޭނާގެ ބަޔާން ނަގައިފި އެވެ.
އިމްތިޔާޒް ފަހްމީއަށް ސުޕްރީމް ކޯޓުން ފޮނުވި ޗިޓުގައިވާ ގޮތުގެ މަތިން އޭނާ ވަނީ މިއަދު ހެނދުނު 8:30 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ހާޒިރުވެވަޑައިގެންފަ އެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އިމްތިޔާޒު ހާޒިރުވެވަޑައިގެން، އެ ތަނުން ނުކުމެވަޑައިގަތީ ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު އެ ތަނުގައި ހޭދަކުރެއްވުމަށްފަހުގަ އެވެ.
ޑީޖޭއޭއިން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ އޭނާ މިއަދު ކޯޓަށް ހާޒިރުކޮށް ސުވާލުކުރީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކުރަން ނިންމުމާ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
"އަޅުގަނޑުމެން ބުނެދިނިން އަޅުގަނޑު އަޑު އެހީމޭ އެމަނިކުފާނު [ސުއޫދު] ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަތައް. ޖުޑިޝަރީ އިސްލާހުކުރުމުގެ ވާހަކައާއި ޑިއު ޕްރޮސެސް ހިންގަންޖެހޭ ކަމަށް އެކަންކުރާއިރު. އެކަމަކީ އަޅުގަނޑު ވެސް ދެކޭ ގޮތުގައި ހުސްނުއްސުއޫދު [ސުޕްރީމް ކޯޓަށް] ގެންދެވިގެންވާނެ ކަމެއް ނޫން ކަމަށް. އެހެންވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަޅުގަނޑު ކުރި ޓްވީޓެއް ކަމަށް އަޅުގަނޑު ބަޔާން ދިނީ،" އިމްތިޔާޒް ވިދާޅުވި އެވެ.
ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކުރުމާ ގުޅިގެން އިމްތިޔާޒު ކުރެއްވި ޓްވީޓްގައި ވަނީ "ފަސް ފަނޑިޔާރުން ސޮއިކޮށްގެން ނެރެފައި އެ ހުކުމް ނެރުނު ދެ ފަނޑިޔާރުން ޖަލަށް ލާފައި އެ ހުކުމަށް އަޣުލަބިއްޔަތު ދިން ތިން ފަނޑިޔާރުން ފަނޑިޔާރު ކަމުގައި ދެމި ތިބިފެއި ދެން މިއީ ކޯއްޗެއް. ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރަންޖެހޭ،" ކަމަށެވެ.
އިމްތިޔާޒު ކުރެއްވި ޓްވީޓްގައި އިޝާރާތް ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު ހުކުމަށެވެ. އެ ހުކުމާ ގުޅިގެން މިދިޔަ އަހަރުގެ ފަހެއް ފެބްރުއަރީގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހުކުމް ނެރުނު އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އެއިރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. އޭގެ ފަހުން ބާކީ ތިއްބެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެކެއް ފެބްރުއަރީގެ އަމުރު ބާތިލު ކުރި އެވެ.
އިމްތިޔާޒު ކުރެއްވި މި ޓްވީޓާ ގުޅިގެން އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކުރިއިރު އޭނާއަކީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ޖެހޭ ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ ކުރިން ވެސް އިމްތިޔާޒު ވަނީ އެތައް ފަހަރެއްގެ މަތިން ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެގެން ދާދި ފަހުން ވަނީ އިމްތިޔާޒާއި ސުއޫދުގެ އިތުރުން ގާނޫނީ ވަކީލު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މޫސާ ސިރާޒު ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ