ޖުމްހޫރީ ޕާޓީގެ ދަފްތަރުގައިވާ ގޮތުން އެޕާޓީއަށް 30،000 މެންބަރުން ހަމަވެފައިވާ ކަމަށް އެޕާޓީގެ ލީޑަރު އަދި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ މާފަންނު ކުނޫޒުގައި ބޭއްވި ހާއްސަ ތަރާވީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެއަދަދަށް މެންބަރުން ނުތިބި ނަމަވެސް އެޕާޓީގެ ދަފްތަރުގައި އެ އަދަދަށް މެންބަރުން ހަމަވެފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް މިއަދު ލިބެމުންދާ ކާމިޔާބީއަކީ ޕާޓީގެ ހަޔާތުން ހޭދަވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކިއެކި ސިފަސިފައިގައި ޕާޓީއަށް ހިދުމަތްކޮށްދެއްވި ބޭފުޅުންގެ ބުރަ މަސައްކަތުން ލިބެމުންދާ ކާމިޔާބީ ކަމަށާއި އެހެންކަމުން ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ހޯދައިދިނުމަށް މާޒީގައި މަސައްކަތް ކޮށްދެއްވި ބޭފުޅުންނާއި އަދި މިއަދުވެސް އެމަސައްކަތް ކޮށްދެއްވާ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖުމުހޫރީ ޕާޓީއަށް 30،000 މެންބަރުން ހަމަވެފައިވާ ކަމަށް އެޕާޓީން ބުނެފައިވާއިރު ޖުމުހޫރީ ޕާޓިއަށް 30،000 މެންބަރުން ހަމަކުރައްވާނެ ކަމަށް ގާސިމް އިބުރާހިމް ވައުދުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ މާފަންނު ކުނޫޒުގައި ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި އެވެ.
ޖުމްހޫރީ ޕާޓީގެ ހަޔާތުގައި މިއަދު މިފެންނަވަރުގެ ކާމިޔާބު ދުވަސްތަކެއް އެމަނިކުފާނަށް މީގެ ކުރިން ފެނިފައި ނުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަދި ޖުމްހޫރީ ޕާޓީއަކީ މިއަދު ދިވެހި ރައްޔިތުންނާ އެންމެ ކައިރިން ދިވެހި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ޕާޓީ ކަމަށާއި، ދިވެހި ރައްޔިތުންނަށްވެސް މިއަދު އެހުރިހާ މަންޒަރެއް ފެންނަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ މުސްތަޤުބަލް އުޖާލާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީއަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިނުމަށް ކުރިއަށް އޮތް ދުވަސް ތަކުގައިވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ މާފަންނު ކުނޫޒުގައި ބޭއްވި ހާއްސަ ޖަލްސާގައި ގާސިމް ވަނީ ޕާޓީގެ އަހަރީ ދުވަހާއި ގުޅޭ ހާއްސަ ކޭކެއް ފަޅުއްވައިދެއްވާފައެވެ. ރޭގެ މިހާއްސަ ތަރާވީހުގައި ގާސިމްގެ އިތުރުން ރަނިންމޭޓް ޑރ. ޙަސަން ސައީދުއާ، ޖުމްހޫރީ ގުޅުމުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ އިސްވެރިންނާއި، ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.
ޖުމްހޫރީ ޕާޓީއަށް 30،000 މެންބަރުން ހަމަވެއްޖެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ