ޑަބްލިއުޑީސީގެ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު އަލުން ގުނަންޖެހޭ: އެމްއެންޕީ

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ ވޯޓު އަލުން ގުނަން އެމްއެންޕީން އެދެން ނިންމައިފިއެވެ.
އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެއް ވޯޓެއްގެ ތަފާތުން އެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމްއެވެ.
މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 އަށް ކުރިއަށް ގެންދިޔަ އެ އިންތިހާބުގައި ވާދަ ކުރީ، ޕީޕީއެމްގެ ފަރާތުން ފާތުމަތު ނާޒިމާ އައި އެމްއެންޕީގެ ފަރާތުން އާމިނަތު ޝީޒާ އެވެ. މި އިންތިހާބު ނާޒިމާއަށް 359 ވޯޓު ލިބިފައިވާ އިރު، ޝީޒާއަށް ލިބުނީ 358 ވޯޓެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ޝަރުތު ފުރިހަމަވެފައި ވަނީ 2،900 މީހުންނެވެ. ނަމަވެސް މި ވޯޓުގައި ބައިވެރިވެފައި ވަނީ 729 މީހުންނެވެ. އޭގެތެރެއިން 717 މީހުންގެ ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ބަލާފައި ވާއިރު، 12 ވޯޓަކީ ބާތިލް ވޯޓުގެ ގޮތުގައި ވަގުތީ ނަތީޖާއިން ދައްކައެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރެއްވި، އަދި އެ ކޮމިޓީގެ ނައިބު ރައީސް ކަން ވެސް ކުރެއްވި އާމިނަތު އީމާން މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ