ސިޔާސީ ކަންކަމުގައި ސުޝްމާ ނެރުއްވި ނަތީޖާއަކީ މުޅި ދުނިޔެ ދަންނަ ހަގީގަތެއް: ނަޝީދު

ދުނިޔޭގެ ސިޔާސީ އެކިއެކި ކަންކަމުގައި އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖު ނެރުއްވާފައިވާ ނަތީޖާތަކަކީ މިއަދުގެ ދުނިޔެ ދަންނަ ވަރަށް ރަނގަޅު ހަގީގަތެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސުޝްމާ ސުވަރާޖު އަވަހާރަވުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށްފަހު މަޖިލީހުގެ ރައީސް ވަނީ ސުޝްމާ ސުވަރާޖުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ސުޝްމާއަކީ އިންޑިއާ ކަނޑުގައާ އެތެރެވަރީގައާ އަދި މުޅި ދުނިޔޭގެ ސިޔާސީ މަސްރަހުގައި އާ އަދި ދުނިޔޭގެ ސުލްހަ ބެލެހެއްޓުމާއި ހަމަޖެހުން ގެނައުމުގައި ހިކުމަތްތެރި އަދި ހިތްވަރު ގަދަ ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
"ހަމައެކަނި އިންޑިއާގެ ސިޔާސީ މަސްރަހެއް ނޫން އަޅުގަނޑުމެންގެ ސަރަހައްދާއި އަދި މުޅި ދުނިޔޭގެ އެކިއެކި ކަންކަމުގައި ސިޔާސީ ކަންކަމުގައި ސުޝްމާ ސުވަރާޖުގެ ބައިވެރިވުމާއި އަދި އެބޭފުޅާ ނެރުއްވާފައިވާ ނަތީޖާތަކަކީ މިއަދުގެ ދުނިޔެ ދަންނަ ވަރަށް ރަނގަޅު ހަގީގަތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ސުޝްމާ ސުވަރާޖު އަވަހާރަވިއިރު ދަރިކަނބަލަކާއި ފިރިކަލެއްވެސް އެބަ ހުންނެވިއެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 67 އެވެ.
އިންޑިއާގައި މިހާރު ވެރިކަންކުރާ ބީޖޭޕީގައިވެސް ނުފޫޒުގަދަ ބޭކަނބަލެއްކަމަށްވާ ޝުޝްމާ އެގައުމުގެ ހާރިޖީ ވަޒީރުކަން ނުވަތަ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރުގައެވެ.
މީގެކުރިން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ހަތް ފަހަރު ކާމިޔާބު ކުރައްވާފައިވާ ޝުޝްމާގެ ސިއްހީ ހާލުކޮޅުހުރިގޮތުން މިއަހަރު ބޭއްވި އާއްމު އިންތިހާބުގައި ވާދައެއް ނުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ