ރައީސް ނަޝީދު ތާއީދު ކުރައްވަނީ އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް: އީވާ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް ސުޕަމެޖޯރިޓީ ހޯދި ފަހުން އާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަންނާނީ ކޮން ބޭފުޅެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ. މަޖިލިސް އިންތިހާބަށް ފަހު އެންމެ ބޮޑަށް އަޑު ފެތުރިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީ އިން ގެންނާނީ އަސްލަމް ކަމަށެވެ. އަދި ނައިބު ރައީސަކަށް ގެންނާނީ އީވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިރޭ އީވާ ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ގެންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އަޑު އޭނާ އެއްސެވި ކަމަށެވެ. "ރައީސް ނަޝީދު ވިދާޅުވި އަޑު އަޅުގަނޑު އެހިން، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހިތަދޫ އިތުރު މެމްބަރު މުހައްމަދު އަސްލަމް [ގެންނަވާނެ ކަމަށް]،" އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ، އަސްލަމް އަކީ ކަންކަމަށް ތަފާތު ވިސްނުމެއް ގެންނަވާ ވިސްނުން ތޫނު ބޭފުޅެއް ކަމަށެވެ. އަދި އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން އޭނާ ވެސް ތާއީދު ކުރައްވާ ކަމަށެވެ. "ދިހަ އަހަރު އަޅުގަނޑު މި ހޭދަ ވަނީ މަޖިލީހުގައި އަސްލަމްއާ އެކު. ބަހުސްގައި ވެސް އަދި ސިޔާސީ ގޮތުން ކުރަން ޖެހޭ މަޝްވަރާތަކުގައި ވެސް އަސްލަމް އަކީ ވަރަށް ހީވާގި ބޭފުޅެއް. ވަރަށް ވިސްނުން ތޫނު ބޭފުޅެއް. ވަރަށް އާ ތަފާތު ވިސްނުމެއް ކަންކަމުގެ ތެރެއަށް ގެނެސްދެއްވާ ބޭފުޅެއް. އެހެންވީމާ ރައީސް ނަޝީދު ފާޅު ކުރެއްވި ހިޔާލަށް އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަޅުގަނޑަށް ވަރަށް ތާއީދު ކުރެވޭ،" އީވާ ވިދާޅުވި އެވެ. އީވާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ ވިދާޅުވީ، އެ ފުރުސަތު ޕާޓީ އިން ދީފި ނަމަ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާނެ ކަމަށެވެ. "ޕާޓީ އިން އެ ފުރުސަތު ދެއްވައިފިއްޔާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަހުރުވެރިކަމާ އެކު ބަލައިގަންނާނަން. ދެން އެކަމަކު އަޅުގަނޑަކަށް ނޭނގެ ކޮންކޮން ބޭފުޅުންނެއް ކަމެއް އެކަމަށް ޝައުގުވެރިވެ ވަޑައިގަންނަވަނީކީއެއް. އަޅުގަނޑުމެންގެ ތެރެއިން މަޝްވަރާ ކުރެވިގެން ވޯޓަކަށް އަހަން ޖެހިއްޖެއްޔާ އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން 66 މީހުންގެ ތެރޭގައި ވޯޓަކަށް އަހައިގެން އެކަން ނިމިގެން ވެސް ދާނީ. މަޖިލީހުގެ ނައިބު ރައީސްކަން ކުރަން ފުރުސަތު ލިބިއްޖެއްޔާ ކުރަންވީ،" އީވާ ވިދާލުވި އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައިވާ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު އިންތިހާބަށް ފަހު ވިދާޅުވެފައި ވަނީ އާ މަޖިލީހުގެ ރައީސަކަށް އަދި ނައިބު ރައީސަކަށް ވެސް ގެންނާނީ އެމްޑީޕީގެ މެމްބަރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ