މަޖިލީހުގެ ރައީސަކަށް އަންހެނަކު އަންނަން ގާނޫނު އަސާސީން ހުރަހެއް ނެތް، ޑރ. އިޔާޒް ވިދާޅުވަނީ ހުއްދަ ނޫން ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި އަންހެނަކު ހުރުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްގެ މަގާމަށް އަންހެނަކު ގެނައުމަކީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު ވިދާޅުވުމާ ގުޅިގެން ޑރ. އިޔާޒުވަނީ އެކަމަށް ރައްދު ދެއްވައި ޓުވީޓު ވެސް ކުރައްވައިފައެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޒު މިއަދު ވިދާޅުވީ އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށާއި އެފަދަ ގާނޫނެއް ހެދި ނަމަވެސް އެއީ ބާތިލު އެއްޗެއް ކަމަށެވެ.
އަދި އިސްލާމް ދީނަށް ފުށުއަރާ ފަދަ އަމަލެއް ހިންގުމަށް މަގުފަހިވާ ފަދަ ގާނޫނެއްވެސް ނުހެދޭނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަ މީހަކީ ރައީސުލްޖުމްހޫރިއްޔާ، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެތް ހާލަތެއްގައި ގައުމުގެ އެންމެ އިސް ވެރިޔާގެ މަގާމު އަދާކުރަން ޖެހޭ މީހެއް ކަމަށެވެ.
އެފަދަ ހާލަތެއް މެދުވެރިވެގެން ވިޔަސް ގައުމުގެ އެންމެ އިސް ވެރިޔާގެ މަގާމަށް އަންހެނަކު އައުމަކީ އިސްލާމީ ޝަރީއަތާ މުޅިން ހިލާފު ކަމެއް ކަމަށް އިޔާޒު ވިދާޅުވިއެވެ.
ޑރ. އިޔާޒު ވިދާޅުވީ އެފަދަ މަގާމަކަށް އަންހެނަކު އައުމަށް ގާނޫނު ހުރަސް ނޭޅި ނަމަވެސް، އިސްލާމީ ޝަރީއަތާ ފުށުއަރާ ފަދަ ގޮތަކަށް އެއްވެސް ގާނޫނެއް އޮވެގެން ނުވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމަށް ނުވަތަ ނައިބު ރައީސް ކަމަށް އަންހެނަކު ގެނައުމާ ބެހޭ ގޮތުން މިނިސްޓަރު ސިދާތާ ޝަރީފު ވިދާޅުވެފައިވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުން އަންހެން މެންބަރަކު ފެނިގެން ދިޔުމަކީ ބައިނަލްއަގުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށެވެ.
މަޖިލީހުގެ ރަައީސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެނައުމަށް ވެސް އެމްޑީޕީ ތެރޭގައި އަންނަނީ ކެމްޕޭން ކުރަމުންނެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާ އިރު، ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގައި އަންހެނަކު ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައުމަށް ވެސް އެއްވެސް ހުރަހެއް ނެތެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޝަރުތުތައް ބަޔާންކުރާ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި، އެ މަގާމަށް ވަކި ޖިންސެއްގެ މީހަކަށް ނާދެވޭނެ ކަމަކަށް ބަޔާންކޮށްފައެއް ނެތެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަކީ އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވޯޓުލައިގެން ހޮވާ ދެ މަގާމު ކަމަށް ވާ އިރު، މަޖިލީހުގެ މެންބަރު ކަމަށް އާދެވޭ ޝަރުތުތަކުގެ ތެރޭގައި ވެސް ވަކި ޖިންސަކަށް ނާދެވޭނެ ކަމަކަށް ބަޔާންކޮށްފައެއް ނެތެވެ. މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެން މެންބަރުން އެބަ ތިއްބެވި އެވެ. ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އަންހެން ބޭފުޅުން ވަނީ ހޮވިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ