ހަމަލާތަކާ ގުޅިގެން 40 މީހުން ހައްޔަރުކޮށްފި

ކޮލަމްބޯ (އެޕްރީލް 23) - ސްރީ ލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 40 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ މިއަދު ވިދާޅުވެއްޖެ އެވެ.
ލަންކާގައި އީސްޓާ ސަންޑޭ ފާހަގަ ކުރަނިކޮށް ތިން ފައްޅިއަކާއި މަޝްހޫރު ހޮޓާތަކަށް ޖާނުންފިދާވެގެން ދިން ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައި ނުވި ނަމަވެސް ހަމަލާ ދިން ކަމަށް ލަންކާ ސަރުކާރުން ތުހުމަތު ކުރަނީ އެ ގައުމުގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަށެވެ.
ތުހުމަތު ކުރެވޭ މީހުން ހޯދަން ލަންކާ ސިފައިން ހިންގާ އޮޕަރޭޝަނުގައި ދިވެހިން ދިރިއުޅޭ ބައެއް ގެތައް ވެސް ދަނީ ބަލާ ފާސްކުރަމުންނެވެ. ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއް ތަނަކީ، މައުންޓް ލެވީނިއާގައި ހުންނަ މަތީ ފެންވަރުގެ 11 ބުރީގެ އިމާރާތެކެވެ. އެ އިމާރާތުގައި ދިވެހި ތިން އާއިލާ ވެސް ދިރިއުޅެ އެވެ. ސިފައިންގެ ބެލުމުގެ ދަށަށް އެތަން ގެންގޮސްފައިވީ ނަމަވެސް ދިވެހި އާއިލާތަކަށް ދައްޗެއް ކުރިމަތި ނުވާ ކަމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން މިއަދު ވަނީ ބުނެފަ އެވެ.
ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 310 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 37 މީހުން ހިމެނެ އެވެ.
ހަމަލާތަކަށް ފަހު ލަންކާގައި ރޭ 12 އިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ