ވައި ނުސާފުވެ، މެލޭޝިއާގެ 400 ސްކޫލް ބަންދުކޮށްފި

ކުއާލަ ލަމްޕޫރު (ޖޫން 25) - މެލޭޝިއާގެ ޖޯހަރް ސްޓޭޓުގެ 400 އަށް ވުރެ ގިނަ ސްކޫލްގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ ދަރިވަރުން ބަލިވާން ފެށުމުން 400 އަށް ވުރެ ގިނަ ސްކޫލް ބަންދުކޮށްފި އެވެ.
ޕަސިރް ގުޑަންގް އިންޑަސްޓްރިއަލް އޭރިއާގެ ސްކޫލްތައް ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ބަންދުކޮށްފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ޖޯހަރް ސްޓޭޓްގެ ވައި ނުސާފު ވާން ދިމާވި ސަބަބު ބަލަމުންނެވެ. ސްކޫލްތައް ބަންދުކުރީ 75 ކުދިންނަށް ނޭވާލުމުގެ އުނދަގޫތައް ދިމާވެ ހޮޑުލެވެން ފެށުމުންނެވެ.
ބަންދުކުރި ސްކޫލްތަކުގެ ތެރޭގައި 100 އަށް ވުރެ ގިނަ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލާއި 300 އަށް ވުރެ ޕްރައިވެޓް ކިންޑަގާޓަން ސްކޫލްތައް ހިމެނެ އެވެ.
މިދިޔަ މާޗް މަހު ވެސް ޖޯހަރް ސްޓޭޓުގައި ވަނީ ކޯރަކަށް އުކާލި ކެމިކަލްތަކަކުން އެރި ނުބައި ވަހެއްގެ ސަބަބުން 4،000 އަށް ވުރެ ގިނަ ކުދިން ބަލިވެފަ އެވެ. އެ ހާދިސާއާ ގުޅިގެން ވަނީ 111 ސްކޫލް ބަންދުކޮށްފަ އެވެ. އެ ފަހަރު ވަނީ ގަވާއިދާޚިލާފަށް 40 ޓަނުގެ ކެމިކަލް ވޭސްޓް ކޯރަށް އުކާލައިފަ އެވެ. ފަޔާ އެންޑް ރެސްކިއު އޮފިޝަލުންނަށް ވަނީ 15 ބާވަތެއްގެ ކެމިކަލް އުކާލިކަން ފާހަގަވެފަ އެވެ.
އެ ހާދިސާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ. އެއީ މެލޭޝިއާގެ ދެ މީހަކާއި ސިންގަޕޫރު މީހެކެވެ.
ޖޯހަރު ސްޓޭޓުގެ ޗީފް މިނިސްޓަރު ޑރ. ސަހުރުއްދީން ޖަމާލް ވިދާޅުވީ 15 ސްކޫލަކުން ބަލިވި 75 ކުދިންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. ޗީފް މިނިސްޓަރު ވެސް ވިދާޅުވީ އެންމެ ފަހުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް މާޗު މަހުގެ ހާދިސާ އާއި އެންމެ ފަހުގެ ހާދިސާއާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޑރ. ސަހުރުއްދީން ވިދާޅުވީ ކޯރަށް އުކާލި ހުރިހާ ކެމިކަލެއް މިހާރު ނަގައި ސާފުކޮށްފައިވާ ކަމަށެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު މިއަދު ވިދާޅުވީ މިބާވަތުގެ ކަންކަން ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ