ކޮންމެ މެޗަކީވެސް ފައިނަލެއް: ގާޑިއޯލާ

މިހާރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓް އޮތްގޮތުން ކޮންމެ މެޗަކީވެސް ފައިނަލެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުން ސިޓީ ފުރުސަތު ހޯދީ ދެވަނަ ބުރުގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑްގެ މައްޗަށް ދެ ލެގުގައިވެސް ކުރިހޯދައިގެންނެވެ.
ކުއާޓާގައި ލިޔޯންއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ މިހާރު މި މުބާރާތުގެ ފޯމެޓް އޮތްގޮތުން އެންމެ މެޗަކުންވެސް ހުރިހާ ކަމެއް ބަދަލުވެދާނެ ކަމަށާއި، އެހެންކަމުން ކޮންމެ މެޗަކީވެސް ފައިނަލެއް ކަމަށެވެ. އަދި މި މުބާރާތުގައި ދެވަނަ ފުރުސަތެއް ނުލިބޭނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި، ކޮންމެ މެޗަކާވެސް ކުރިމަތިލާން ޖެހޭނީ ވަރަށް ފަރުވާތެރިވެގެން ކަމަށްވެސް ބުންޏެވެ.
ގާޑިއޯލާ އިތުރަށް ބުނީ ރެއާލް ބަލިކޮށް ކުއާޓާއިން ޖާގައެއް ހޯދުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، އެކަމަކު އެކަމާ ބޮޑާވެގެން އުޅުމަކީ ގޯހެއް ކަމަށެވެ. އަދި އެޓީމު އޮތީ ހަމަބިމުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
މި މުބާރާތުގެ ކުއާޓާއަށް ލިޔޯން ދަތުރުކުރީ ދެވަނަ ބުރުގައި ޔުވެންޓަސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ހޮނިހިރު ދުވަހުގެރޭގެ މެޗުގެ ކުރިން ލިޔޯންގެ ކޯޗު ރުޑީ ގާސިއާ ބުނީ އޭނާގެ ޓީމަށް އޮތް ހިތްހަމަޖެހުމަކީ އެއް ލެގު ކުޅެން ޖެހުމާއެކު ބޮޑެތި ޓީމުތަކަށް ކުރިމަތިވާ ޕްރެޝަރު ކަމަށެވެ. އަދި ކުއާޓާގައި އެންމެ މަގުބޫލް ޓީމެއްގެ ގޮތުގައި ސިޓީ ބެލެވުނު ނަމަވެސް، އެކަން ބަދަލުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ފަށައިގެން މެޗުތައް ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ސިޓީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރަނޖް ޖެހޭނީ 8-2 ން ބާސެލޯނާ ބަލިކޮށް ސެމީއަށް ދަތުރުކުރި ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން މިއުނިކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ