އަމާޒަކީ ރާއްޖޭން ބޭރަށާއި، މާލެ އަންނަން ނުޖެހޭގޮތަށް އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން: ނައިބް ރައީސް

ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައި ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ފަރުވާ ހޯދުމަށް މާލޭ ސަރަޙައްދަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ފަދަ ގޮތަކަށް ޞިއްޙީ ޚިދުމަތްތައް ފުޅާކުރުންކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި، އެތަނުން ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ނައިބް ރައީސް ވަނީ ސިއްހީ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހިއްސާކުރައްވާފަ އެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައި ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ފަރުވާ ހޯދުމަށް މާލޭ ސަރަޙައްދަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ފަދަ ގޮތަކަށް ޞިއްޙީ ޚިދުމަތްތައް ފުޅާކުރުންކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބް ރައީސް ފައިސަލް ނަސީމް އިތުރަށް ވިދާޅުވީ ކޯވިޑް-19 ގެ ޙާލަތުގައި ވެސް، ލާމަރުކަޒީ އުޞޫލުން ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެހެން މިނިސްޓްރީ އޮފް ހެލްތާއި ކަމާއިގުޅޭ އެހެން އިދާރާތަކުން މަސައްކަތްކުރުން މުހިންމު ކަމަށެވެ.
ނައިބް ރައީސް ވަނީ ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވައި، އެއީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް މީހުންގެ އިތުބާރު ލިބެމުންދާކަމުގެ ހެއްކެއްކަމުގައި ވިދާޅުވެފަ އެވެ. އަދި، އެ ތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރެވޭނެ ގޮތަކަށް ކަމާއިގުޅޭ ހުރިހާ މުޢައްސަސާތަކުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، އިންސާނީ ވަޞީލަތްތައް ހޯދުމުގައި އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެ އެވެ. އަދި އެ ތަނުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުރަށްފަތި ދުވަހު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ކުޅުދުއްފުށީ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ އިސްވެރިންނާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ