ނިޒާރުގެ ބަސް: ދާއިރާގެ ހުރިހާ ރައްޔިތުން ތަމްސީލުކޮށް، ފަހުރުވެރިކޮށްދޭނަން

މާދަމާ ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރުންގެ ތާއިދާއި އެކު ޕްރައިމަރި ކާމިޔާބުކޮށްދީފި ނަމަ ދެންވެސް ދާއިރާގެ ހުރިހާ ރައްޔިތުން މަޖްލިސްގައި ތަމްސީލް ކޮށް ރައްޔިތުން ފަހުރުވެރިކޮށްދޭނެކަމަށް އެދާއިރާ މިހާރުވެސް ތަމްސީލު ކުރައްވާ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީ ކެމްޕެއިން ނިންމުމަށް ރޭ ހިތަދޫ ދެކުނު ދާއިރާގެ ކިޅި ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ރައްޔިތުންގެ ހައްގުގައި އޭނާ ކުރަމުންދާ މަސައްކަތް ރައްޔިތުންނަށް ފެންނާނެ ކަމަށާއި، ކަމެެއް ކޮށްދޭނެކަމަށް ވިދާޅުވަނީ އެކަން މިހާރުވެސް ދައްކަމުންދާތީކަމަށެވެ.
އަދި ކަމެއް ކޮށްދޭނެކަމަށް ބުނާ ބަޔަކަށް އިތުބާރު ކުރުމުގެ ބަދަލުގައި، ރައްޔިތުން މިހާރުވެސް ޓެސްޓުކޮށްފައިވާ މީހަކަށް ދިނުން މުހިއްމު ކަމަށެވެ.
ނިޒާރު ވިދާޅުވީ އިންސާނުންގެ ސިކުނޑި އާއި ކުޅެ އެ އިންސާނާ ބޮމަކަށް ބަދަލުކޮށްލާ ކަމީ ފެންނަން ހުރި ހަގީގަތެއްކަމަށެވެ. އަދި ތަފާތު ވާހަކަތަކާއި ވަސްވާސް ވިސްނައިދީގެން ކަންކަން ބަދަލު ކުރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ކޮންމެ މީހަކުވެސް އެމީހާގެ ވަށައިގެންވާ ހުރިހާ ދިމާލަކުން ބަލައި އަމިއްލަ ސިކުނޑިން ވިސްނައިގެން ގޮތެއް ނިންމުން ކަމަށެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުންގެ ނިކަމެތި ކަމުގެ ހާލުގެ ވާހަކަ މަޖްލިސް ތަޅުމުގައި ހަރު އަޑުން ދައްކަން ޖެހޭ ކަމަށާއި، އައްޑޫ ރައްޔިތުންގެ އަޑު މަޖްލިސް ތަޅުމުގައި މިހާރުވެސް އިއްވާފައިވާ ކަމަށެވެ. އަދި މި މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި، މަޖްލިސްގައި ވާހަކަ ނުދެއްކޭ ބަޔަކު ގޮސް ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެކަމަށެވެ.
ނިޒާރު އާއި ވާދަކުރައްވާ ދެ މެމްބަރުން މިހާތަނަށް އެއްވެސް ތާއިދު ކުރާ ފަރާތްތަކަކާއި ބައްދަލުކޮށް އެބޭފުޅުންގެ ހިޔާލު ހުށަހަޅާފައި ނުވެއެވެ. ނަމަވެސް އެކެންޑިޑޭޓުން ދެކޭ ގޮތް ލިޔުމުން ވަނީ ރައްޔިތުންނާއި ހިއްސާ ކޮށްފައެވެ.
ނިޒާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާއިރު މެމްބަރުން ހޮވާ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އަދި ފަހުރަކީ އެރައްޔިތުން މަޖްލިސްގައި ފުރިހަމައަށް ތަމްސީލު ވުން ކަމަށެވެ. އެ ރައްޔިތުންގެ ހައްގުގައި މެމްބަރު ދައްކަވާ ވާހަކަތަކަކީ އެ ރައްޔިތުންގެ އެންމެ ބޮޑު ފަހުރުކަަމަށެވެ.
ނިޒާރު އާއި ގުޅޭ ގޮތުން ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތޮއްޔިބު ވިދާޅުވީ ނިޒާރު މަޖްލިސް ތެރެއިން ފާހަގަވެގެން ގޮސްފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި އެކަނި ނޫން ކަމަށާއި، ނިޒާރަކީ މުޅި އައްޑޫގެ މެމްބަރެއް ކަމަށާއި، ނިޒާރަކީ މުޅި ރާއްޖޭގެ މެމްބަރެއް ކަމަށެވެ. އެހެންވެ ދާއިރާގެ އެމްޑީޕީ މެމްބަރުން އަލުން ނިޒާރު ހޮވައި ދިނުމަށް ޠޮއްޔިބު އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ