ވޯލްޑް ކަޕް 2018: އައިސްލޭންޑުގެ މައްޗަށް 2 - 0 ގެ ނަތީޖާއަކުން ނައިޖީރިއާއިން ކުރި ހޯދައިފި

އައިސްލޭންޑުގެ މައްޗަށް 2 – 0 ގެ ނަތީޖާއަކުން ކުރި ހޯދައި ނައިޖީރިއާއިން އިތުބާރު އާކޮށްފިއެވެ.
ވޯލްޑް ކަޕް 2018 ގެ ފުރަތަމަ މެޗުގައި ވަރުގަދަ އާޖެންޓީނާއާ އެއްވަރުކުރި އައިސްލޭންޑު، ނައިޖީރިއާއިން ބަލިކުރިއިރު މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނައިޖީރިއާގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.
ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އައިސްލެންޑްގެ ޖިލްފީ ސިގޮޑްސަން އެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފުގައި، އައިސްލެންޑަށް ލިބުނު ހިލޭޖެހުން ސިގޮޑްސަން ފޮނުވާލުމުން، ނައިޖީރިއާގެ ޒުވާން ކީޕަރު ފްރެންކިސް އުޒޯހޯ ވަނީ އެ ބޯޅަ ސޭވް ކޮށްފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި، ނައިޖީރިއާއިން ވަނީ އައިސްލެންޑްގެ ގޯލް ހުޅުވާފަ އެވެ. ލަނޑު ކާމިޔާބު ކުރީ އަހްމަދު މުސާ އެވެ. އޭނާ ލަނޑު ޖެހީ، އައިސްލެންޑްގެ ކުޅުންތެރިން ނައިޖީރިއާގެ ހާފުގެ ތެރެއަށް ކުރިއަށް އަރާ ތިބި ވަގުތު، ކައުންޓަ އެޓޭކުގައި އުފެއްދި ފުރުސަތެއްގަ އެވެ.
ނައިޖީރިއާގެ ދެ ވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓް އަހްމަދު މޫސާ ކާމިޔާބު ކުރީ އައިސްލެންޑްގެ ގިނަ ކުޅުންތެރިން ކުރިއަށް އަރާ ތިއްބަ އެވެ. އޭނާ ލަނޑު ޖެހީ އައިސްލެންޑްގެ ޑިފެންޑަރާއި ގޯލްކީޕަރު ހާނޭސް ހޯލްޑަސްން ކަޓުވާލުމަށް ފަހު އެވެ.
މިމެޗުން މޮޅުވުމާއެކު ނައިޖީރިއާ ވަނީ ތިން ޕޮއިންޓާއެކު ގުރޫޕްގެ ދެ ވަނައަށް ޖެހިލާފަ އެވެ. އާޖެންޓީނާ އާއި އައިސްލެންޑް، ކޮންމެ ޓީމަކަށް އެއް ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ