އޭޑީކޭގެ އައިސީޔޫގައި އެޑްމިޓުކޮށްފައި މިހާރު އޮންނެވި ގާސިމް އިބްރާހީމް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ އަދިވެސް ދީފައި ނުވާތީ އެ މައްސަލަ ބަލައި ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް)އަށް ހުށަހަޅައިފިއެވެ.
ގާސިމްގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުވަހަކަށްވުރެ ދުވަހެއް ގާސިމްގެ ހާލުކޮޅު ދަށްވެ، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާތެރިވެފައިވާއިރު ވެސް، ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް ދަންނަވައި، އެމަނިކުފާނަށް ބޭސް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މިއަދާ ހަމައަށް ވެސް ލިބިވަޑައިގަންފައިނުވާ ކަމަށެވެ. އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ އިރު އެ މައްސަލާގައި އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށް ވެސް އެދިފައިވެއެވެ.
" ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ނައްޞުގައި ހަމަކޮންމެ މީހަކަށްމެ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފުސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އެޙައްޤަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އޮނަރަބަލް ޤާސިމް އިބްރާހީމްއަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ލިބެން ޖެހޭ ޙައްޤެކެވެ. ނަފުސު ރައްކާތެރިކުރުމުގެ ޙައްޤުން އޮނަރަބަލް ޤާސިމް އިބްރާހީމް މަޙްރޫމްކުރެވިފައިވާއިރު، އެމަނިކުފާނުގެ ފުރާނަފުޅާމެދު ނަގަންޖެހިދާނެ ޒިންމާއަކަށް ޖެހިލުންވުމެއް ނެތި، ދުސްތޫރީ ޙައްޤުތައް ދިވެހި ރައްޔިތުންނަށް ކަށަރަވަރުކޮށްދިނުމާއި އިންސާނީ ކަރާމަތާއި ހަމަހަމަކަން ނެގެހެއްޓުމަށް ޤާނޫނުއަސާސީން އެބަޔަކާ މަތިކޮށްފައިވާ ފަރާތްތައް ޒިންމާދާރުކަމާއެކު އެވާޖިބު އަދާކުރުމަށް ގޮވާލަމެވެ،" ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބުނި ގޮތުގައި ގާސިމް އަދި ވެސް އޮންނެވީ އައިސީޔޫގައެވެ. ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިއަދު ވީއެފްޕީއަށް ވިދާޅުވީ ގާސިމް އަދި ވެސް އޮންނެވީ އައިސީޔޫގައި ކަމަށާއި އިތުރު ފަރުވާ ބޭނުންވާ ކަމަށެވެ.
"ރާއްޖޭގައި ހެދެން ނެތް ސްކޭނެއް ހަދަން ޖެހޭ. ބަލި ހާލަތު ހުރި ގޮތުން އިތުރަށް ބަލަން ޖެހޭ ބެލުންތަކަށްފަހު ނޫނީ ފަރުވާ ދޭން ވެސް ދަތިވެފައި އޮންނެވީ. އެކަމަކު އެކަންކަން ވާނީ ރާއްޖެއިން ބޭރަށް ދެވޭ ގޮތް ވެގެން،" އޮފިޝަލު ވިދާޅުވިއެވެ.
ގާސިމްގެ ހާލުކޮޅާއި ބެހޭ ގޮތުން އޭޑީކޭގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ގާސިމް އިބްރާހީމްގެ މެއަށް ތަދުވެ ނޭވާ ކުރުވާތީ އެޑްމިޓުކޮށް ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ގާސިމް ރާއްޖެއިން ބޭރަށް ގެންދިއުމަށް ވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައިވާތީ ފުރޭ ގޮތްވަނީ ނުވެފައެވެ.
ގާސިމް ބޭރަށް ދާން ހުއްދަ ނުދިން މައްސަލަ އެޗްއާރުސީއެމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ