އިސްލާމިކް ޔުނިވާސިޓީއެއް ގާއިމުކުރާނަން: ގާސިމް

ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އިސްލާމިކް ޔުނިވަސިޓީއެއް ޤާއިމުކުރައްވާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ދީނީ އަދި ޤައުމިއްޔަތު ސިޔާސަތު އިއުލާނުކުރުމަށް މިރޭ އަރަބިއްޔާ ސުކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ޔުނިވަސިޓީއެއް ޤާއިމުކުރަންޖެހެނީ ﷲގެ ދީނަށް ނަސްރު ދެއްވާ ދީނީ އަދި އިލްމީ ދަރިންތަކެއް ބިނާކުރުމަށް ކަމަށެވެ.
"މުޅި ދުނިޔޭގައިވެސް އޮތް ސަތޭކަ ޕަސަންޓް އިސްލާމީ ޤައުމުގެ ގޮތުގައި މިއޮތީ ދެ ޤައުމެއް. އެއީ ސައުދިއަރަބިއްޔާއާއި ދިވެހިރާއްޖެ. އެހެންވީމާ ﷲ މިންވަރު ކުރެއްވި މިޝަރަފަށްޓަކައި ﷲ ގެ ދީނަށް ނަސްރު ދިނުމަށް އިސްލާމިކް ޔުނިވަސިޓީއެއް ޤާއިމުވާންޖެހޭ" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކީރިތި ޤުރުއާނާއި، ދިވެހި ބަހާއި، އިސްލާމީ ތަރުބިއްޔަތު މަޖުބޫރު މާއްދާތަކެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ޤާސިމް އިބްރާހިމް މީގެ ކުރިން ވެވަޑައިގެންފައިވާ ވައުދު ތަކުރާރުކުރައްވާ މިރޭގެ ޖަލްސާގައިވެސް ޤާސިމް އިބްރާހިމް ވިދާޅުވީ އެއީ އެމަނިކުފާނުގެ ވެރިކަމެއްގައި ކުރައްވާނެ ކަމެއް ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކީރިތި ޤުރުއާނާއި، ދިވެހި ބަހާއި، އިސްލާމީ ތަރުބިއްޔަތު މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަދަން ނިންމެވީ އެއީ ދިވެހި ރައްޔިތުން ބޭނުންވާގޮތްކަން އެމަނިކުފާނަށް އެގިވަޑައިގަތުމާއި ގުޅިގެން ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރަށަކަށްހެން އެމަނިކުފާނަށް ވަޑައިގެންނެވުނުއިރު ހުރިހާ ރަށެއްގައިހެން ސުކޫލުތަކާއި ކައުންސިލް ތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުން އެތަންތަނުގެ ވެރިންނާއި ބެލެނިވެރިން ކީރިތި ޤުރުއާނާއި، ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަދައިދިނުމަށް އެމަނިކުފާނުގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ބަޔަކު ކިތަންމެ ނުރުހުނަސް ދިވެހި ގިނަ ރައްޔިތުންގެ ވިސްނުމާއި ދެކޮޅަށް އެމަނިކުފާނު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ގުރޭޑް ދިހަޔަކާއި ހަމައަށް ކިޔަވައިދޭނެ ކަމަށާއި އެއީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނަން ނިންމީ އަޅުގަނޑު އަމިއްލަ ހިޔާލަކަށެއް ނޫން. ދިވެހި ރައްޔިތުން އެދޭތީ. ދިވެހި ރައްޔިތުން ބޭނުންވާތީ. އެބައި މީހުންގެ ދަރިންނަށް އެ ކިޔަވައިދޭން ބޭނުންވާތީ. އާދެ އެ ސަބަބަށްޓަކައި އަޅުގަނޑު ހިމެނީ އިނގޭތޯ؟ ދެން މިއާ ޗެލެންޖް ކުރާނީ ކާކުތޯ؟ ދިވެހި ރައްޔިތުން ބޭނުންވީ، ކޮންމެ ސުކޫލެއްގެ މަދުރަސާއެއްގެ ބެލެނިވެރިން ޓީޗަރުން ބޭނުންވެގެން ދިޔައީ ކީރިތި ޤުރުއާނާއި މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ބަސް ކިޔަވައިދޭން ޖެހޭނެ ކަމަށް. އާދެ އެހެންވީމާ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމެނުމަށް އަޅުގަނޑުމެން ނިންމެވީ. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ކުރާނަން" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކީރިތި ޤުރުއާނާއި، ދިވެހި ބަހާއި، އިސްލާމީ ތަރުބިއްޔަތު މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމަށް ދިވެހި ރައްޔިތުންގެ 99 ޕަސަންޓް ތާއީދުކުރާ ކަމަށާއި، އެހެންކަމުން އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
ދިވެހި ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް އަމިއްލަފުޅު ޖީބުން އަބަދުވެސް ހަރަދުކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހިމް ވިދާޅުވީ ވެރިކަން ކުރަން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގަންނަވަނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށްވާތީ އެމަނިކުފާނު ވެރިކަން ކުރައްވާނީ ދިވެހި ގިނަ ރައްޔިތުން ބޭނުންވާ ގޮތަށް އިސްލާމީ ވަހުދަތު ހިމާޔަތްކޮށްދީގެން ކަމަށެވެ.
ޤާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ބައިނަލްއަޤުވާމީ އުސޫލުތައްވެސް ހަދަންޖެހޭނީ ހުރިހާ ރައްޔިތުންގެ ހައްޤުތައްވެސް ހިމާޔަތް ކުރެވޭ ގޮތަށް ކަމަށާއި، ދިވެހިންގެ ހައްޤުތައް ގެއްލޭގޮތަށް ހެދޭ އުސޫލުތަކެއް ހުރެގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ