ބޯޑަ ކޮންޓްރޯލް މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ސިފަކުރެވެނީ \"ޒާތީ ނިންމުމެއް\" ގެގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ނައިބު މުގައްރިރުކަންވެސް ކުރައްވާ ސަމީރު ވިދާޅުވީ ސުޕްރިމްކޯޓުގެ ހުކުމް "ޒާތީ ނިންމުމެއް" ގޮތުގައި ސިފަކުރެވެނީ އެކޯޓުގެ ކޮރަޕްޝަނުގެ މައްސަލަތެއް އޭސީސީން ބަލަމުންދާތީ އާއި އާންމުންގެ ތެރޭގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާތީކަމަށެވެ.
ސީއެންއެމް މައުލޫމާތު ލިބިފައިވާގޮތުގައި ސުޕްރިމްކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. އަދި އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓާގުޅިގެންވެސް ސުޕްރިމްކޯޓުގެ މައްސަލަތަކެއް ހުށަހަޅާފައިވާކަމަށް ވެއެވެ.
ސީއެންއެމް ދެއްވި ހާއްސަ އިންޓަވިއުގައި ސަމީރު އިތުރަށް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ ހުރިހާ ޒިންމާއެއް މިހާރު ދެން ނަގަންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ސުޕްރިމް ކޯޓުގެ ހުކުމުގެ ސަބަބުން މިހާރު އޭސީސީ ވެފައި ވަނީ ދަތް ނެތް ސިންގާ އަކަށް ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކޯޓު އަމުރު ހޯދުމުގެ ބާރު އޭސީސީ އަށް އޮންނަން ވާނެކަމަށާއި ޕީޖީ މެދުވެރިކޮށް އަމުރު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށާއި ތިމާ ބޭނުންވާ ކަމެއް އެހެން މީހަކު ލައްވައި ކުރުމަކީ ފަސޭހަ ކަމެއް ވެސް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ބޯޑާ ކޮންޓްރޯލްގެ މައްސަލައިގެ ހުކުމް އައިސްފައިވާ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެކަމުގެ ނަތީޖާއަކަށްވެގެން ދަނީ އޭސީސީއާ މެދު ދެކޭގޮތް ބަދަލުވެ އެތަނުގެ ބޭނުން ރައްޔިތުންގެ ކުރިމަތީގައި ކެނޑިގެންދިއުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ނައިބު މުގައްރިރުކަންވެސް ކުރައްވާ ސަމީރު ވިދާޅުވި އެވެ.
"އޭސީސީގެ ބާރުތަކަށް، އެ މުއައްސަސާގެ މުސްތަގުބަލަށް، އެ މުއައްސަސާގެ މަގުސަދަށް [ސުޕްރީމް ކޯޓުން] ބައްލަވާނުލެއްވުމުން ކަންބޮޑުވޭ. އެ ހުކުމުގެ ސަބަބުން، ހިތި ނަތީޖާއެއް ލިބިގެންދަނީ،" ސަމީރު ވިދާޅުވި އެވެ.
ސުޕްރިމް ކޯޓުގެ ހުކުމާގުޅިގެން އޭސީސީގެ ބާރު ކުޑަވެގެންދާނެކަމަށް ބުނެ އެކި ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސުޕްރިމް ކޯޓުން ކޮށްފައިވާ ހުކުމުގެ ސަބަބުން އޭސީސީގެ ބާރުވެރިކަމަށް އުނިކަމެއް ނާންނާނެކަމަށާއި ގާނޫނު އަސާސީންނާއި އޭސީސީ ގާނޫނުން ލިބިގެންވާ ހުރިހާ ބާރެއް މިހާރު ވެސް ލިބިގެންދާކަމަށެވެ.
ސުޕްރިމް ކޯޓުން ކޮށްފައިވާ ހުކުމަކީ އޭސީސީގެބާރު ކެނޑޭ ހުކުމެއް ނޫންކަމަށާއި އެ މައްސަލައިގައި ބަލާފައިވަނީ ހައިކޯޓުން ނެރެފައިވާ އަމުރު ނެރުމުގައި ކަންކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމަށް ކަމަށެވެ. އަދި ސުޕްރިމް ކޯޓުން ބެލިބެލުމުން ހައިކޯޓުން އަމުރު ނެރެފައިވަނީ ބަލަން ޖެހޭ ކަންކަން ބަލައި ފުރިހަމަ ކުރެވިގެން ނޫން ކަމަށާއި އެހެން ކަމުން ބޯޑަރ ކޮންޓްރޯލް މައްސަލައިގައި ހައިކޯޓުން ނެރެފައިވާ އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށް ސުޕްރިމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާކަމަށް ވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުން ހުކުމް ސިފަކުރެވެނީ \"ޒާތީ ނިންމުމެއް\" ގެގޮތުގައި: ދިއްދޫ ދާއިރާގެ މެމްބަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ