ރައީސް ޔާމީނާއި މައުމޫން އަދި އުމަރަށް، ގާސިމް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކުވެއްޖެ
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން ހޯމް މިނިސްޓަރު އުމަރު ނަސީރަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކޮށްލައިފި އެވެ. ޔޫޓިއުބުގައި އާއްމުކޮށްފައިވާ ދެ މިނެޓަށް ވުރެ ދިގު އެ އޯޑިއޯ އަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ގާސިމް ބަޔަކާ އެކު ދެއްކެވި ވާހަކަތަކެއް ކަމަށް ބެލެވެ އެވެ. ގާސިމް ފޯނު ނިންވާލާފައި އޮތުމުން އޯޑިއޯއާ ގުޅޭގޮތުން އޭނާގެ ބަހެއް ނުލިބުނެވެ. ނަމަވެސް ގާސިމްގެ ތަރުޖަމާނު އިބްރާހިމް ހަލީލް ބުރާސްފަތިދުވަހު "ހަވީރަ"ށް ވިދާޅުވީ ގާސިމްގެ ވާދަވެރިން އޭނާއާ ގުޅޭ އޯޑިއޯ އާއި ވީޑިއޯ އަދި ފޮޓޯ ވެސް އެކި ގޮތްގޮތަށް ނެރޭނެ ކަމަށެވެ. އެއީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށް ހަލީލް ވިދާޅުވި އެވެ. އެ އޯޑިއޯގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވެސް ތާއީދުކޮށް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. ހަފުތާއެއްހާ ދުވަހު ޖޭޕީން އަށް ކެމްޕޭން ކުރިއިރު ވެސް އެ ޕާޓީގެ ޖަލްސާތަކުގައި ވެސް އުމަރު ބައިވެރިވެވަޑައިނުގެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އުމަރަށް ތާއީދުކުރައްވާ މީހުންނާ އެކު އޭނާ ގުޅިވަޑައިގަތީ ރައީސް ޔާމީނާ ކަމަށް ގާސިމް ވިދާޅުވެ އެވެ. އެހެންކަމުން އެ ވާހަކަ ދެއްކެވީ ސުޕްރީމް ކޯޓުން ބާތިލްކުރި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ކަމަށް ބެލެ އެވެ. ލީކުކޮށްލާފައިވާ އޯޑިއޯ "އުމަރު ވެސް ކަންތައް ކުރިގޮތް އަހަރުމެންނަށް އެނގޭ. ...އަހަރެމެންނަށް ކެމްޕޭން ކުރަން ލިބުނު ހަތް ދުވަހު އޭނާ އަނގައިން ނުބުނޭ. އަހަރެމެންގެ އެއްވެސް އެއްވުމެއް ކަހަލަ އެއްޗެއް، ތަނަކަށް ނާރާ. އެހެން ހުރެފައި އޭނަ ގެންގުޅުނު ހުރިހާ އެންމެން ގޮވައިގެން އަނެއްކާ މިއަދު އެހެރީ ޔާމީން ކައިރީގައި،" ގާސިމް ވިދާޅުވި އެވެ. "އިހަށް ދުވަހު [އުމަރު] ޔާމީނާ ދިމާލަށް ބެވީ. އަފްރާޝީމް މަރާލި މީހަކީ ވެސް އޭނާއޭ ބުނި. އަނެއްކޮޅުން އެމްޑީޕީން 8،000 މީހުންގެ ވޯޓު ނަގައިގެންނޭ.... ހުރިހާ އެއްޗެއް ކިޔާފައި މިއަދު އެހެރީ ގޮސް ޔާމީން ކައިރީގައި." ދައްކާފައި ހުރި ބައެއް ވާހަކަތައް އެހާ ސާފު ނޫން އެ އޯޑިއޯގައި އުމަރު ނަސީރާއި ހޮނިހިރުދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ސަލީމް (މާޒް ސަލީމުގެ ނަން ވިދާޅުވެ )50،000ރ. ގެ ވާހަކައެއް ވެސް ގާސިމް ދެއްކެވި އެވެ. މައުމޫންގެ ވެރިކަމުގައި ގާސިމަށް އަނިޔާކޮށްފައިވާ ކަމަށާއި އެކަން ހަނދާން ނައްތާނުލެވޭނެ ކަމަށް ވިދާޅުވެ އޭނާ އެ އޯޑިއޯގައި އެ ދެ ބޭފުޅުންނަށް ފާޑުވިދާޅުވެ އެވެ. މައުމޫންގެ ވެރިކަމުގައި އޭނާ އަށް ދީފައިވާ އަނިޔާތައް ހަނދާން ނައްތާލައި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ވެރިކަމަށް ގެންނަން "ހިތަށް ފަސޭހައެއް ނުވާނެ" ކަމަށް ވެސް ގާސިމް ވިދާޅުވެ އެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާ އަށް ވެރިކަން ލިބުމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޔާމީން އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ. "އަހަރެމެން ހަނދާނެއް ނުނެތޭނެ މި މީހުންގެ، މައުމޫނުމެންގެ އަނިޔާވެރިކަމުން ލިބިފައިވާ ނިކަމެތިކަން. ...ޔާމީންމެން ކޮށްފައި ހުރި ދުއްތުރާލާއި އަނިޔާވެރިކަން އަހަރެމެން ހަނދާނެއް ނުނެތޭނެ. އަންނިގެ ޕްރިންސިޕަލްތައް ގޯސްވީމަ އަހަރެމެން އޭނަ އަށް ތާއީދުނުކުރަނީ. ދެން އެހެންވީމަ ޔާމީންގެ ކަންތައްތައް ހުރި ގޮތް އަހަރެމެންނަށް އެނގޭތީ. އަނިޔާވެރިކަމުން ފުރިފައި ތިބި ބައެއް ކަން އެނގޭތީ،" އެ އޯޑިއޯގައި ގާސިމް ވިދާޅުވި އެވެ. ގާސިމް ކޮންމެވެސް ފަނޑިޔާރަކާ ބެހޭ ގޮތުން ވެސް އެ އޯޑިއޯގައި ވާހަކަތަކެއް ދެއްކެވި އެވެ. އެކަމަކު އެއީ ކޮންފަނޑިޔާރެއް ކަމެއް އަދި އޭނާއާ ގުޅޭ ގޮތުން ދެއްކެވީ ކޮން ވާހަކަތަކެއް ކަމެއް ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ