މޫކައި ހޮޓަލުގައި އިރުގެ ހަކަތަ އިން ކަރަންޓް އުފައްދަން ފަށަނީ

މޫކައި ކުންފުނީގެ ހޮޓާތަކުގައި، ސޯލާ ޕެނަލް ބަހައްޓައިގެން އިއާދަކުރަނިވި ހަކަތަ އުފައްދަން ފެށުމުގެ ގޮތުން އެ ކުންފުނިން ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މޫކައި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ދިވެހި ކުންފުންޏަކުން ފަށާ ފުރަތަމަ މަޝްހޫރު ފައްޓަވައިދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރާ އާލާތްތަކުގެ އަގު ދުނިޔޭގައި ހެޔޮވަމުންދާ އިރު، މިއީ ރާއްޖެ އަށް ކޮންމެހެން ބޭނުންވެފައިވާ ކަމެއް ކަމަށެވެ. "އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރާ އާލާތްތަކުގެ އަގުތައް ވެސް މި އަންނަނީ ހެޔޮވަމުން. އަދި ހަކަތަ އުފެއްދުމުގައި ބޭނުންކުރާ އާލާތްތައް ވެސް އަންނަނީ ފަސޭހަވަމުން. އަދި ކަރަންޓު އުފެއްދޭ މިންވަރުވެސް ދަނީ މައްޗަށް. އަޅުގަނޑުމެން ކިރިޔާ ވިސްނާލި ނަމަވެސް އަޅުގަނޑުމެންނަށް މި މުހިންމުވެފައިވާ މިންވަރު އެނގިގެންދާނެ. އަޅުގަނޑުމެންގެ މަގުސަދަކީ ގައުމު ތަރައްގީވަނީ ތެޔޮ ބޭނުންކޮށްގެން ނޫންކަމާ އަދި ކަރަންޓު މި އުފައްދާ ވަރަށް އުފައްދައިގެން ނޫންކަން ދައްކައިދިނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ސޯލާ ޕެނަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުން ކަރަންޓު ބިލުން 7000ރ އާއި 8000ރ. އަދަދެއް ކުޑަވެގެންދާ ކަމަށެވެ. "ރާއްޖެ އަށް މީގެން ލިބޭނެ ފައިދާއަކީ ހަމައެކަނި ކަރަންޓު ބިލަށް މީގެން އަސަރެއްކުރުމެއް ނޫން. އޭގެ އިތުރުން ތެޔޮ އެތެރުކުރާ މިންވަރު ވެސް މަދުވެގެންދޭ. އަޅުގަނޑުމެންގެ އަމާޒެއް ދުނިޔޭގެ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް ދައްކުވައިދިނުން، ތަރައްގީއަކީ ހަމައެކަނި ތެޔޮ އަންދައިގެންވާ ކަމެއް ނޫންކަން. ތަރައްގީވެވެން އެބަ އޮތޭ ތެޔޮ ނާންދާ ވެސް، މިފަދަ އާ ޓެކްނޮލޮޖީގެ އެހީގައި. ނަމޫނާއެއްގެ ގޮތުގައި ދުނިޔެ އަށް އެކަން ދެއްކުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ކައިމޫ ޓްރެވަލްސްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ހަ ކިލޯވޮޓުގެ ކަރަންޓު އުފެއްދޭނެ ސޯލާ ޕެނަލްތަކެއް އެ ކުންފުނީގެ ހޮޓާތަކުގައި ބެހެއްޓޭނެ ކަމަށެވެ. "މިހާރުވެސް މި ހޮޓަލުގައި ހޫނު ފެން އުފައްދަމުން ގެންދަނީ ސޯލާ ޕެނަލް ބަހައްޓައިގެން. އަޅުގަނޑު އުންމީދުކުރަނީ މި ގޮތަށް އަމިއްލަ ގޭގޭގެ ފުރާޅު މަތީގައި ވެސް ސޯލާ ޕެނަލް ބަހައްޓައިގެން ކަރަންޓު އުފައްދަން ފެށޭނެ ކަމަށް. އަދި މިއީ އިތުރު އާމްދަނީއެއް ވެސް ލިބޭނެ ވަސީލަތެއް ކަމަށް ބަލައިގެން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ. އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ގްރިޑަށް ކަރަންޓް ފީޑްކުރުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ގަވާއިދާއި ގައިޑްލައިން މިއަދު ވަނީ އާއްމުކޮށްފަ އެވެ. އެ ގަވައިދުގައި ކަރަންޓު ވިއްކޭނެ ގޮތާއި އެ ކަންކުރުމަށް އަމިއްލަ ފަރާތްތަކުން އަމަލު ކުރަންޖެހޭ ގޮތްތައް ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ