އަބްދުﷲ ގާޒީ ހާޒިރުކުރަން ހައި ކޯޓުން އަނެއްކާވެސް އަމުރު ނެރެފި
ސިފައިން ހައްޔަރުކޮށްގެން ކ. ގިރިފުށީގައި ގެންގުޅެމުންދާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައި ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އަބްދުﷲ ގާޒީ ހާޒިރުކުރުމަށް އަމުރުކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ މައްސަލަ ހިންގުމަށެވެ. އެއީ ގާޒީގެ ސުލޫކީ މައްސަލައެއް އޮތްކަން ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، އެ ނިންމުމުގެ މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލަމުންދާ މައްސަލަ އެވެ. ކޮމިޝަނުން ބުނަނީ ދަށު ކޯޓުގެ ގާޒީއެއްގެ މައްސަލަ ހަމަ އޭނާއާ އެއް ފެންވަރެއްގެ އެހެން ގާޒީއަކަށް ނުބެލޭނެ ކަމަށެވެ. ސުލޫކީ މައްސަލަ ހުރި ކަމަށް ޖޭއެސްސީން ނިންމުމުން އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ޖޭއެސްސީގެ ނިންމުން ނިންމާފައި ވަނީ އޭނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ހަމަހަމަކަމުގެ މިންގަނޑާ ހިލާފަށް ކަމަށެވެ. އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ނުހިންގޭނެ ކަމަށް ބުނެ ޖޭއެސްސީން އެންމެ ފުރަތަމަ ގޮސްފައި ވަނީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފް ކުރަންޖެހޭނީ ހައި ކޯޓުގައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓަށް ވައްދާފައި ވަނީ ރަސްމީ ބަންދު ދުވަހެއް ކަމަށްވާ މިދިޔަ ގައުމީ ދުވަހު ކޯޓު ހުޅުވައިގެންނެވެ. އަބްދުﷲ ގާޒީގެ މައްސަލަ ހިންގުމަށް ހައި ކޯޓުން ޝެޑިއުލްކޮށްފައި ވަނީ މިއަދު ހަވީރު 30: 4 އަށެވެ. އެ އަޑުއެހުމަށް ގާޒީ ހާޒިރު ކުރުމަށް ސިފައިންނަށް ވެސް ހައި ކޯޓުން އަމުރުކޮށްފަ އެވެ. ޝަރުއީ އެކި ކޯޓުތަކުން ނެރެފައިވާ ފަސް އަމުރަށް މީގެ ކުރިން ސިފައިން ވަނީ ނުކިޔަމަންތެރިވެފަ އެވެ. އެއީ އަބްދުﷲ ގާޒީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އޭނާ ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނެރުނު އަމުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ