ދިދަތަކުގެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ މައްސަލަ ބޭރުކުރުމަށް އެދެފި

ކުރީގެ އެޓޯލްސް މިނިސްޓްރީން ގަތުމަށް އިއުލާން ކުރި ދިދަތަކެއްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުވާ ނުކުރެވޭ ކަމަށް ވިދާޅުވެ އެ މައްސަލަ ކޯޓުން ބޭރު ކުރުމަށް އޭނާގެ ވަކީލު ޝަރީއަތުގެ މަޖިލީހުގައި މިއަދު އެދިވަޑައިގެންފި އެވެ. އެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނާޒިމްގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީން 15،000 ދިވެހި ދިދަ ގަތުމަށް އިއުލާނު ކުރުމުން، ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުން ބޭނުންކޮށްގެން، ޓެކް މީޑިއާ ސާވިސާސް އަށް ނޭނގި އެ ކުންފުނީގެ ނަމުގައި އެސްޓިމޭޓް ހުށަހަޅާފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުގައި ވާހަކަ ދައްކަވަމުން ނާޒިމްގެ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ މައްސަލަ ޖެހުނު އިރު ނާޒިމަކީ ނަމީރާ އިންޖިނިއަރިންގެ ހިއްސާދާރެއް ނަމަވެސް ކުންފުނީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ނުކުރައްވާ ކަމަށެވެ. އަދި ކުންފުނީގެ ނިންމުންތަކާއި މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެކަންތައްތައް ކުރުމަށް ލިޔުމުން ވަޒީފާ ދީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ބަޔަކު ތިބޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ ކުންފުންޏާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކުންފުންޏަކީ ވެސް ހިއްސާދާރުންނާ ވަކިން އުފެދިފައި އޮތް ވަކި ގާނޫނީ ޝަހްސެއް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ކުންފުނީގެ މައްސަލަ ނުބަލައި ވަކި ފަރުދެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ މި މައްސަލައިގައި ޕީޖީ އޮފީހުން ހުށަހަޅާފައިވާ ޑިޖިޓަލް އެނަލިސިސް ހެއްކަށް ނާޒިމްގެ ފަރާތުން އިންކާރު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ނަމީރާ އިންޖިނިއަރިންގެ އޮފީސް ބަލައި ފާސް ކުރުމަށް ކަމަށާއި ނަމަވެސް ފުލުހުން ވަނީ އޮފީހަށް ވަދެ އޮފީހުގެ ބައެއް ތަކެތި ގެންގޮސްފައި ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ހިލާފު އަމަލެއް ކަމަށެވެ. އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި މައްސަލައިގައި ޕީޖީ އޮފީހުން ބައެއް ހެކިތައް ގަސްދުގައި ފޮރުވާފައިވާ ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ދީފައިވާ ބަޔާންތައް ދިފާއުގައި ބޭނުން ކުރުމަށް މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ އެތައް މައްސަލައެއް ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް ދައުވާކޮށްފައި ވަނީ އޭނާއެކު އެންމެ ދެ މީހެއްގެ މައްޗަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް އަކީ ވަކި ކުލައެއް ޖެހިފައިވާ ވަކިއަތަކަށް ޖެހިފައިވާ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ނާޒިމް ވިދާޅުވީ ޕީޖީ އޮފީހުން ދިދަތަކުގެ މައްސަލައިގައި ދައުވާ ކުރަނީ ޓެކް މީޑިއާ ސާވިސާސް އަށް ނޭނގި އެ ކުންފުނީގެ ނަމުގައި އެސްޓިމޭޓް ހުށަހަޅާފައިވާ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ބިޑް ހުށަހެޅީ އެފަރާތަށް އެނގިގެން ކަމަށް ޓެކް މީޑިއާ ސާވިސާސްގެ އެއް ޑިރެކްޓަރަކު ބުނާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން އެ ދައުވާއަކީ އޭނާގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. ޕީޖީ އޮފީހުގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ ހެކި ފޮރުވުމަށް އެ އޮފީހުން މަސައްކަތް ނުކުރާ ކަމަށެވެ. ދިދަތަކުގެ މައްސަލައިގެ ނާޒިމްގެ މައްޗަށް ޕީޖީ އޮފީހުން ދެ ދައުވާއެއް ކުރެ އެވެ. އަދި ކުރީގެ އެޓޯލްސް މިނިސްޓްރީން ހޮޅިދަނޑިތަކެއް ގަތުމުގައި ހިނގާފައިވާ ކަމަށް ބުނާ ގަވާއިދާ ހިލާފް ކަންތައްތަކެއްގެ މައްސަލާގައި ވެސް ނާޒިމްގެ މައްޗަށް ހިޔާނާތުގެ ދެ ދައުވާއެއް ޕީޖީ އޮފީހުން އުފުލާފައިވެ އެވެ. މީގެ ކުރިން ނާޒިމްގެ މައްޗަށް ހިންގި ޝަރީއަތުގެ މަޖިލިހަށް ނޫސްވެރިން ނުވެއްވި ނަމަވެސް މިއަދު އެގޮތަކަށް ކަންތަކެއް ނުކުރެ އެވެ. އަޑުއެހުން ފެށުމުގެ ކުރިން ކޯޓުން ނޫސްވެރިންނާ ބައްދަލުކޮށް ބުނީ، މީގެ ކުރިން ޝަރީއަތް ކަވަރުކުރުމުގައި ބައެއް މީޑިއާތަކުން ކޯޓާމެދު ނުބައި ތަސައްވަރެއް ދީފައިވާ ކަމަށެވެ. އަދި ބުނީ ދެން އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ހުރިހާ ނޫސްވެރިން ނުވެއްދުމުގެ ބަދަލުގައި އެފަދަ ހަބަރެއް ފެތުރި ނޫސްވެރިއަކު ސަސްޕެންޑް ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ