މައުމޫން ހަމީދަށް ރުހުން ނުދޭން އެމްޑީޕީން ފާސްކޮށްފި

ހުސްވެފައިވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ރުހުން ދިނުމަށް މާދަމާ މަޖިލީހުގައި ނަގާ ވޯޓުގައި މައުމޫން ހަމީދަށް ވޯޓު ނުދިނުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް މިރޭ ނެރެފި އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 20 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި، ޕީޖީ ކަމަށް ރުހުން ދިނުމަށް ނަގާ ވޯޓާ ގުޅޭ ގޮތުން ތިން ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ މައުމޫން ހަމީދަށް ވޯޓު ނުދިނުމަށާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މުހުތާޒް މުހުސިނަށް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ހުށަޅުއްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ތާއީދުކުރެއްވި ހުށަހެޅުމާއި ވޯޓު ބޮއިކޮޓްކުރުމަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ހުށަހަޅުއްވައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ތާއީދުކުރެއްވި ހުށަހެޅުމާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓު އޮތް ގޮތަށް ފާސްކުުރުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ހުށަހެޅުމެވެ. އެ ތިން ހުށަހެޅުމަށް ވެސް ވޯޓަށް އެހިއިރު، 13 މެމްބަރުންގެ ވޯޓާ އެކު ފާސްވީ މޫސަގެ ހުށަހެޅުއްވުމެވެ. އެއާ އެކު، މުހުތާޒަށް ވޯޓު ދިނުމަށް ފްރީ ވިޕެއް ވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިރޭ ވަނީ ނެރެފަ އެވެ. އެއީ މޫސަގެ ހުށަހެޅުއްވުމެކެވެ. މައުމޫން ހަމީދަށް ވޯޓު ނުދިނުމަށް ފާސްކުރުމާ ގުޅިގެން މޫސަ ވިދާޅުވި ގޮތުގައި އެ ގޮތަށް ހުށަހެޅުއްވީ މައުމޫން ހަމީދުގެ ފަހަތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވުމާ އެކު، މައުމޫން ތާއީދުކުރައްވާ ބޭފުޅަކަށް ތާއީދުކުރުމަކީ ގަބޫލުކުރެއްވޭ ކަމަށް ނުވާތީ އެވެ. އަދި މައުމޫން ހަމީދަށް ރުހުން ނުދޭން މަޖިލީހުންނާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވުމަކީ ވެސް އެ ގޮތަށް ހުށަހެޅުއްވި ސަބަބެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މޫސަ ވިދާޅުވި ގޮތުގައި ޕީޖީ ފަދަ މުހިންމު މަގާމަކަށް ބޭފުޅަކު ހޮވާއިރު އެމްޑީޕީގެ ބައިވެރިވުމެއް އޮންނަން ވާނެ އެވެ. ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދަށް ވޯޓު ނުދިނުމަށް އެމްޑީޕީން ފާސްކުރިއިރު، މައުމޫން ހަމީދާއި މުހުތާޒަށް ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުން ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް، މުހުތާޒަށް ވޯޓު ދިނުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މައުމޫން ހަމީދަށް ރުހުން ދިނުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ކިބައިން މައުމޫން އެދިވަޑައިގެންފައި ވަނިކޮށެވެ. ޕީޖީ ކަމަށް ބޭފުޅަކަށް ރުހުން ދިނުމުގެ މައްސަލާގައި ވެރިކަންކުރާ ޕީޕީއެމް އާއި އިދިކޮޅު އެމްޑީޕީން ގޮތެއް ނިންމާފައިވާއިރު، މަޖިލީހުގައި ދެން އެންމެ ގިނަ މެމްބަރުން ހިމެނޭ ޖޭޕީން ވެސް ވަނީ، އެ ކަމުގައި ގޮތެއް ނިންމުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް މިރޭ ބާއްވާފަ އެވެ. ޖޭޕީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި މާދަމާ ނަގާ ވޯޓާ ގުޅޭ ގޮތުން މިރޭ ބޭއްވި ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނެވެ. އަދި ނިންމާފައިވަނީ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް މާދަމާ 12:00 މަޖިލިސްކުރާ ގޭގައި ބޭއްވުމަށް ފަހު، ވޯޓުގެ ކުރިން ގޮތެއް ފާސްކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ