ކައުންސިލްތަކުން އިސްނަގައިގެން ކުރާ ކަންކަމަށް އަންނަ އަހަރުން ފެށިގެން ސަރުކާރުން އެހީވާނަން: އުމަރު
ރަށާއި އަތޮޅުގެ ތަރައްގީއަށް އިސްނަގައިގެން މަސައްކަތްކުރާ ކައުންސިލްތަކަށް އަންނަ އަހަރުން ފެށިގެން ސަރުކާރުން އެހީވާން ފަށާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ. ތައުލީމީ ގޮތުން ލ. އަތޮޅުގައި ފާހަގަކޮށްލެވޭ ޓީޗަރުންނަށާއި ދަރިވަރުންނާއި ސްކޫލުތަކަށް ހާއްސަކޮށްގެން އެ އަތޮޅު ކައުންސިލުން ބޭއްވި "އެކަޑެމީ އެވޯޑު ނައިޓު" ޝަރަފުވެރިކޮށްދެއްވަމުން އުމަރު ވިދާޅުވީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުވުމާ އެކު އަތޮޅުތަކުގެ ހިންގުން ހަރުދަނާވަމުން އަންނަ ކަމަށެވެ. "ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކަައި އެމީހުންނަށް (ކައުންސިލަރުުންނަށް) ބޭނުންވާ މާލީ ކަންކަން ސަރުކާރުން މިގެންދަނީ ހަމަޖައްސަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 2016 ވަނަ އަހަރުގެ ބަޖެޓުގައި އެކަމަށް ވަކި އަދަދެއް ވެސް ވާނީ ހިމެނިފައި،" ގަމު ހަމަދު ސްކޫލުގައި ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވި އެވެ. "ރަށްރަށުގެ ކައުންސިލްތައް އިސްނަގައިގެން ކުރާ ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މި އަންނަ އަހަރުން ފެށިގެން އަޅުގަނޑުމެން މަސައްކަތްކުރާނަން." އުމަރު ވިދާޅުވި ގޮތުގައި ގިނަ ކައުންސިލްތަކަކީ ރައްޔިތުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކުރަން އަމިއްލަ އަށް އިސްނަގާ ބައެކެވެ. އެފަދަ ހަރަކާތެއް ނުހިންގާ ކަައުންސިލްތައް "ދިރުންހުރި" ބަޔަކަށް ވާން މަސައްކަތް ކުރަން މިނިސްޓަރު ގޮވާލެއްވި އެވެ. "އަޅުގަނޑުމެންގެ އެދުމަކީ ކައުންސިލްތައް އިސްނަގައިގެން މަސައްކަތްކުރުން. މަޑުކޮށްގެން ސަރުކާރުން އެމީހުންނާ ދިމާލަށް އަންނަ އެއްޗަކާ ދިމާލަށް ބަލަހައްޓައިގެން ތިބުމުގެ ބަދަލުގައި އިސްނަގައިގެން ކަންކަން ކުރުން. ވޮލެންޓިއާކޮށްގެން ކަންކަންކުރުން،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަށްރަށް ތަރައްގީވަނީ ހަމައެކަނި ސަރުކާރުން މަސައްކަތްކޮށްގެން ނޫން ކަމަށާއި ގިނަ ރަށްރަށާއި އަތޮޅުތައް ކުރިއަރަނީ އަތޮޅުތަކުން އިސްނެގުމުން ކަމަށެވެ. "އެފަދަ އިސްނެގުންތަކަށް އެ އިރެއްގައި އޮންނަ ސަރުކާރަކުން އައިސް އަބަދުވެސް ކޮންމެވެސް ކަހަލަ އެހީތެރިކަމެއް ވެގެންދޭ. އެއީ ތަރައްގީ ހާސިލްކުރެވޭނެ ގޮތަކީ. ހަމައެކަނި ހޮޅުއަށީގައި އިށީނދެ ތިބެ ސަރުކާރުން ފޮނުވާ ބޯޓު ލަފަންދެން ތިބެގެނެއް އަޅުގަނޑުމެންނަށް ތަރައްގީއެއް ނުލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ތަރައްގީ ހޯދުމުގެ އާ ރޫހެއްގައި ކައުންސިލްތައް ތެދުވެ މަސައްކަތްކުރަން ވެސް މިނިސްޓަރު ވަނީ ގޮވާލައްވައިފަ އެވެ. ރޭގެ ހަފުލާގައި އަށް ދާއިރާއަކުން 30 މީހަކަށް ވަނީ އެވޯޑު ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ