އަބްދުﷲ ރިޔާޒް ޖޭޕީން ވަކިވެވަޑައިގެންފި
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ވަކިވެވަޑައިގެންފިއެވެ.ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ރިޔާޒު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނިންމާފައިވާތީ މިއަދުން ފެށިގެން އެ ޕާޓީން ވަކިވެފައިވާ ކަމަށެވެ.އަދި ޖޭޕީގެ ލީޑަރާއި އެ ޕާޓީގެ މެމްބަރުން ދެއްވި އެހީތެރިކަމަށް ރިޔާޒު ވަނީ އެ ސިޓީގައި ޝުކުރު އަދާކުރައްވާފައެވެ.ޖޭޕީގެ މެންބަރުން ޕާޓީއާ ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ސަބަބުން ޖޭޕީގެ ހިންގުމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް ނާންނާނެ ކަަމަށް އެޕީޓީން މިއަދު ވަނީ ބުނެފަ އެވެ."މި ފުރުސަތުގައި މަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެންބަރުންގެ ފަރާތުން އަޅުގަނޑަށް ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރިޔާޒުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.ރިޔާޒު މިއަދު ޖޭޕީން ވަކީވާން ސިޓީ ލެއްވިއިރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައި، 3،000 މެމްބަރުންގެ ސޮއި ހޯއްދަވަން ވަނީ ފައްޓަވާފަ އެވެ.މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި ނާޒިމް އަމިއްލަ ސިޔާސީ ޕާޓީއަކާ ދިމާއަށް މިސްރާބު ޖައްސަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކާ އެކު އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ނާޒިމާ އެންމެ ގާތް އެއް މެމްބަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒެވެ. ނާޒިމާއި ރިޔާޒްގެ އިތުރުން ދެން ތިއްބެވީ މަޖިލީހުގައި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ތިން ބޭފުޅެކެވެ.ނާޒިމާއި ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވުމުން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވެސް ތިނަކަށް ދަށްވާނެ އެވެ. އެނގިފައިވާ ގޮތުގައި ނާޒިމް އުފައްދަވާ ސިޔާސީ ޕާޓީގެ ބައެއް މައުލޫމާތު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހާމަކުރަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ