ޑރ. މުއިއްޒުގެ ދިފާއުގައި މެމްބަރު އާދަމް ޝަރީފް

މާލެ ސިޓީގެ މޭޔަރ އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އޭނަގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވާހަކަދައްކަވައިފިއެވެ.
މެމްބަރު މިފަދައިން ވާހަކަދައްކަވާފައިވަނީ، ޑރ. މުއިއްޒު ހައުސިން މިނިސްޓަރ ކަމުގައި ހުންނެވިއިރު ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ބްރިޖްވިއުއިންގ ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމާއި ގުޅިގެންނެވެ.
އެގޮތުން، މާލޭގެ މަގުތަކުގެ މަސައްކަތް ބައްލަވާލައްވަން މޭޔަރ މުއިއްޒު ހުންނެވި ވީޑިއޯއެއް ހިއްސާ ކުރައްވާ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ، މުއިއްޒުގެ މައްޗަށް ދައުވާ ކުރަނީ މާލޭގެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމުން ދުރުހެލި ކުރުވައި، މާޔޫސް ކުރުވުމަށް ކަމަށެވެ.
އޭސީސީން ބުނެފައިވަނީ ސަރުކާރުގައި ހައުސިން މިނިސްޓްރީން ލޮނުޒިޔާރަތްކޮޅުގައި ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިއާ އަދި ޕާކިން އޭރިއާއެއް ހިންގުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގައިވާ މުއްދަތު ފަސް އަހަރަށް އިތުރުކޮށްދީފައިވާ ކަމަށާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ޕާކިން އޭރިއާގައި އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބަދަލުދޭން ނިންމައި އެފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ނިންމާ ދައުވާކޮށްދޭން ފޮނުވާފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެނ ޑރ. މުއިއްޒު ވިދާޅުވީ، މަގާމުގައި ހުންނަވައިގެން ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، ކޮންމެ ކަމެއްވެސް ކުރައްވާފައި ވާނީ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި، ކަން ހިނގާފައި ގޮތް މިނިވަން މުއައްސަސާތަކުން ބެލުމަކީ ތާއީދު ކުރައްވާ ކަމެއް ނަމަވެސް އަސާސެއް ނެތް ތުހުމަތު ކުރެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މައްޗަށް ދައުވާކުރުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
މީގެއިތުރުން، ޑރ. މުއިއްޒު ކުށެއް ކުރެއްވި ނަމަ ހުންނަވާނީ މައިދާނުންނ ދުރުގައި ކަމަށާއި، މާލޭގެ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވީ އިތުބާރު ކުރައްވާތީ ކަމަށްވެސް ޓްވީޓުގައި ވެއެވެ.
ދައުލަތުގެ މުއައްސަސާތަކުން ކުރާ ތަހުގީގުތަކާއި މަސައްކަތްތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ޑރ، މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ