އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމަށް ޤައުމީ މަޖިލީހުގެ މެމްބަރު ގޮވާލައިފި

ކުރިއަށް އޮތް ރިިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް މުޅި ރާއްޖޭގައި ފުޅާކުރުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން މިކަމަށް ގޮވާލެއްވީ، ތާޖުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ދާއިރާތައް ހިނގުމަށް މެންބަރުންގެ ޚިޔާލުފާޅުކުރަން ހުޅުވާލި ފުރުޞަތުގައެވެ.
މި ޖަލްސާގައި ޤައުމީ މަޖިލީހުގެ މެންބަރުން ވަނީ ކޯވިޑްގެ ބަލިމަޑުކަމާއި، އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދެވުނު ނުރައްކާތެރި ޙަމަލާއަށްފަހު ޕާޓީގެ ހަރަކާތްތައް މަދުވެފައިވާކަން ފާހަގަކުރައްވާފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އަދި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީޕީކަމުގައިވާއިރު، ރަށްރަށުގެ އިތުރުން މާލޭގައިވެސް ޕާޓީގެ ހަރަކާތްތައް މަދުވެފައިވާކަމުގެ ކަންބޮޑުވުން ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އެންމެ ފަހުން ބޭއްވި ބޮޑެތި އިންތިޚާބުތަކުން އެމްޑީޕީއަށް ލިބުނު ކާމިޔާބީތައް އެގޮތުގައި ދަމަހައްޓައި، 2023ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި މުޅި ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގަންޖެހޭކަމަށާއި، މިހާލަތުގައި ރައްޔިތުންގެ އިހްސާސްތައް ދެނެގަތުމަށް ޕާޓީގެ ތެރެއިން ގުޅިގެން މަސައްކަތްކުރުމަށް ޤައުމީ މަޖިލީހުގެ މެންބަރުން ގޮވާލެއްވިއެވެ.
"އަޅުގަނޑުމެން ވަރަށް ފޯރީގައި ހިންގި ޖަގަހަތައް މިހާރު ހުރީ ހިރަފުސް އަރާފައި. އަޅުގަނޑުމެން ކޮންމެ ރަށެއްގައިވެސް އަދި ޚާއްސަކޮށް މާލޭގައިވެސް ޕާޓީގެ ހަރަކާތްތައް ފުޅާކުރަންޖެހޭ. މިހާރު އަޅުގަނޑުމެންގެ ބޮޑު ޖަލްސާއެއް ނުބާއްވާތާވެސް ދުވަސްތަކެއްވެއްޖެ. މިފަދަ ޖަލްސާތަކުން އަޅުގަނޑުމެންގެ ހަރަކާތްތައް އެބަ ގިނަކުރަންޖެހޭ" މެންބަރުން ވިދާޅުވިއެވެ.
ސެޕްޓެމްބަރުމަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށްފަހު ބޭއްވުނު އެޕާޓީގެ ޤައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި 100 މެންބަރުން ބައިވެރިވިއެވެ.
މިބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ޕާޓީގެ ޗެއަރޕާސަން ވިދާޅުވީ އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދާއި، އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޕް26އަށްފަހު މާލެ ވަޑައިގަތުމުން ޕާޓީގެ ހަރަކާތްތައް ހިނގުމުގައި ކުރިއައްއޮތްތަނުގައި އަމަލުކުރާނެ ގޮތްތަކާއި ގޭޅޭ މަސައްކަތު ބައްދަލުވުމެއް ބައްވަން ޕާޓީން މަސައްކަތްކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ