ތުޅާދޫ ބޮޑު މަގުގައި ހުރި ގަސްތައް ކަނޑަން ފަށައިފި

ބ. ތުޅާދޫ ބޮޑު މަގުގައި އިންދާފައި ހުރި ބައެއް ގަސްގަހުގެ ސަބަބުން، އާއްމުންނަށް އުނދަގޫވެ އެކަމުގެ ޝަކުވާ ލިބެމުންދާތީ، އެ ގަސްތައް ކަނޑަން ފަށައިފި އެވެ.
އެ ރަށު ކައުންސިލަރު މުހައްމަދު އުސްމާނު މިއަދު ވިދާޅުވި ގޮތުގައި އެ ރަށުގެ މައި މަގުގައި ހުރި 9 ގަސް ކަނޑަން ނިންމީ، އާންމުންގެ ގޭގެއަށާއި ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކެއް ދިމާވާތީ އެކަމުގެ ޝަކުވާ އެ އޮފީހަށް ލިބެމުންދާތީ އެވެ.
'މިކަމުގެ ޝަކުވާ އާންމު ފަރާތްތަކުން ކުރާތާ ވަރަށް ދުވަސްވެއްޖެ. ގަސްތަކުގެ ސަބަބުން ބައެއް ގޭގޭ ގެ އިމާރާތްތަކަށް މޫ ވަދެ، ބައެއް ގޭގޭގެ ފާޚާނާތަކުގެ މުށިތައް ވެސް ހުރީ ހަލާކުވެފައި. އަދި އެ ގަސްތަކުގެ ސަބަބުން ވާރޭ ފެން ނެގުމުގައި ވެސް ބޮޑެތި ދަތިތަކެއް އެބަހުރި،' ކައުންސިލަރު ވިދާޅުވި އެވެ.
'އެހެންވެ ރަށް ކުރިއަރުވާ ކޮމެޓީ އާއި އަތޮޅު އޮފީހުން މަޝްވަރާކޮށް، މިނިސްޓްރީގެ ހުއްދަ ލިބިގެން ގަސްތައް ނީލަމަށްލައި ކަނޑަން ނިންމީ."
އެ ގޮތުން އެ ރަށު ބޮޑު މަގުގައި ހައްދާފައިވާ ހަ ހިރުނދު ގަހާއި ތިން ދިއްގާ ގަސް އިއްޔެ ހަވީރު ނީލަން ކިޔައި، މިއަދު ވަނީ ކަނޑަން ފަށައިފަ އެވެ. ކައުންސިލަރު ވިދާޅުވީ އެ ގަސްތައް ކަނޑާނީ ނީލަމުން ނަގާ ފަރާތްތަކުން ކަމަށެވެ.
ކައުންސިލަރު އުސްމާނު ވިދާޅުވީ، އެ ގަސްތައް މިއަދު ކަނޑަން ފެށުމާއެކު އެއިން ކޮންމެ ގަހަކަށް އިތުރު ތިން ގަސް އިންދުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ