އުލިގަމުގެ ރިސޯޓް ހެދުމަށް ލަންކާގެ ބޭންކަކުން އެމްޓީޑީސީ އަށް 10 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި

ހއ. އުލިގަމުގައި ހަދަމުން އަންނަ ރިސޯޓްގެ މަސައްކަތް ނިންމުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސްރީ ލަންކާގެ އިންވެސްޓްމަންޓް ބޭންކަކުން 10 މިލިއަން ޑޮލަރު ( 128.5 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އުލިގަމުގައި ތަރައްގީކުރާ 50 ކޮޓަރީގެ ރިސޯޓަށް ބޭނުންވާ 10 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ސްރީ ލަންކާގެ ބޭންކަކާ އެކު އެރޭންޖްމަންޓް ލެޓާގައި މިހާރު ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.
"އުއްމީދުކުރަނީ އޮގަސްޓްމަހުގެ ތެރޭގައި ފައިސާ ލިބޭނެ ކަމަށް. [ފައިސާ] ލިބުމާ އެކު އެކަން ކުރިޔަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
މިހާދު ވިދާޅުވީ އުލިގަމުގައި ހަދާ ހޮޓަލުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެމްޓީޑީސީން ދާދި ފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 50 ކޮޓަރީގެ ރިސޯޓް ތަރައްގީކުރުމަށް ބޭނުންވާ 16 މިލިއަން ޑޮލަރުގެ ތެރެއިން 6.5 މިލިއަން ޑޮލަރު ކުންފުނިން މިހާރު ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ރިސޯޓް ތަރައްގީކުރުމުގައި ހިއްސާވާނެ ބައިވެރިއަކު ހޯދުމަށް ވެސް ކައިރި މުސްތަގުބަލެއްގައި އިއުލާނު ކުރެވޭނެ ކަމަށް އެ ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ