އާ ލޯގޯ ހޮވީ ޓޫރިޒަމް ދާއިރާގެ ހިއްސާ އާ ވެސް އެކު: އެމްއެމްޕީއާރުސީ

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި ބޭނުންކުރަން އަލަށް ތައާރަފުކުރި ލޯގޯ އާއި ސްލޯގަން ތައްޔާރުކުރި ކުންފުނި ހޮވާފައިވަނީ ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކާއި އާއްމުންގެ ހިއްސާއާ އެކު ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯރަޕޭޝަން (އެމްއެމްޕީއާރުސީ)ން ބުނެފި އެވެ.
ޓޫރިޒަމް އިޝްތިހާރު ކުރުމުގައި ބޭނުންކުރަން އަލަށް ތައްޔާރުކޮށްފައިވާ ޝިއާރު ބޭނުންކުރުމާ އެކު ދެވަނަ ވިސްނުމަކަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް ބުނެ، ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން ނޫސް ބަޔާނެއް ނެރުމާ ގުޅިގެން، އެމްއެމްޕީއާރުސީން ބުނީ "މޯލްޑިވްސް އޯލްވޭސް ނެޗުރަލް" އާއި ލޯގޯ ހަދާފައިވާ ފަރާތް ހޮވާފައިވަނީ އޯޕަން ޓެންޑަރަކަށް ގޮސްގެން ކަމަށެވެ.
"ލޯގޯއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށްޓަކައި ބޭނުންވާ އިތުރު ދިރާސާކޮށް އޭގެ އަލީގައި ސްލޯގަނަކާއި ލޯގޯއެއް ހެދުމަށް ތަޖުރިބާކާރު ބްރޭންޑިން އެންޑް އިންޓަގްރޭޓަޑް ކޮމިއުނިކޭޝަން އެޖެންސީއެއް ބޭނުންވާތީ އެފަދަ ބައެއް ހޯދަން 12 އޮކްޓޫބަރު 2010 ގައި އިއުލާނުކުރީ. އަދި މިކަމަށް އެންމެ ގާބިލް ފަރާތެއް ހޯދުމުގެ ގޮތުން މިކަން ކުރާނެ ކުންފުންޏެއް ހޮވާފައިވަނީ ބިޑްކުރި ފަރާތްތަކުގެ ޕްރޮޕޯސަލް ކޮމެޓީއަކުން ބަލައި އެކުލަވާލާފައިވާ މިންގަނޑުތަކެއްގެ އަލީގައި،" އެމްއެމްޕީއާރުސީން ނެރެފައިވާ ހަބަރެއްގައިވެ އެވެ.
އެތަނުން ބުނީ ލޯގޯ އާއި ސްލޯގަން ހޮވުމުގެ އެންމެ ފަހުގެ މަރުހަލާތަކުގައި ޓޫރިޒަމް އިންޑަސްޓްރީ ބައެއް ފަރާތްތައް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ޓޫރިޒަމް މިނިސްޓްރީން ބައިވެރިވެފައިވާ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ކުރިން ބޭނުން ކުރަމުން އައި "ސަނީ ސައިޑް އޮފް ލައިފް" ގެ ބަދަލުގައި "މޯލްޑިވްސް އޯލްވޭސް ނެޗުރަލްގެ" ނަމުގައި ސްލޯގަނަކާއި ލޯގޯއެއް ތައްޔާރުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާ ހަވާލުކޮށްގެން ލައްކައެއްހާ ޑޮލަރު ހަރަދުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ