އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް ހަސަން ލުތުފީ 30 ދުވަހުގެ ތެރޭގައި އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މަދަނީ ކޯޓުން އަމުރުކޮށްފި އެވެ.
އެ ކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގައި ހުކުމް އިއްވަވަމުން އިސް ގާޒީ އަލީ ސަމީރު ވިދާޅުވީ އޭސީސީގެ މެންބަރު ކަމަށް ހަސަން ލުތުފީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ ގާނޫނު އަސާސީ އާއި އޭސީސީގެ ގާނޫނުގައިވާ ހަމަތަކުގެ މަތިން ކަމަށެވެ. އެހެންކަމުން އޭސީސީގެ މެންބަރު ކަމަށް ލުތުފީ އައްޔަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވާތީ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޭނާ އޭސީސީ އަށް އައްޔަން ކުރުމަށް އިސް ގާޒީ އަމުރު ކުރެއްވި އެވެ.
"... ހަސަން ލުތުފީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރުމަކީ ގާނޫނީ ގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވާތީ އެ މަސްއޫލިއްޔަތު އަދާ ކުރުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށް ކަނޑައަޅައި، ސ. ހިތަދޫ، ރަންފަސް ހަސަން ލުތުފީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމަށް 30 ސެޕްޓެމްބަރު 2010 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްޔަން ކުރުމަށް އަންގާ ހުކުމްކޮށްފިން،" އިސް ގާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން ހަތަރު މެންބަރުންނާ އެކު އޭސީސީ ހިންގުމަކީ ގާނޫނާ ހިލާފް ކަމެއްކަން ކަނޑައަޅައިދިނުމަށް ވެސް ހަސަން ލުތުފީގެ ފަރާތުން ދިވެހި ދައުލަތުގެ މައްޗަށް ކުރި ދައުވާގައި އެދިފައިވެ އެވެ. ނަމަވެސް އިސް ގާޒީ ވިދާޅުވީ އޭސީސީ މި ވަގުތު ހިނގަމުންދަނީ ޣައިރު ގާނޫނީ ގޮތެއްގައިކަން ކަނޑައެޅެން ނެތް ކަމަށެވެ. އަދި އޭސީސީ އަށް މެންބަރުން އައްޔަން ކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރަ ދެއްވުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ. އެކަމަކު އިސް ގާޒީ ވިދާޅުވީ ދައުވާކުރާ ފަރާތުން އެދޭ ގޮތުގައި އާއި ދައުވާގެ ހުލާސާގައި އެކަން ބަޔާންކޮށްފައިނުވާތީ އެކަމަށް ގޮތެއް ކަނޑަނޭޅުއްވީ ކަމަށެވެ.
ހުކުމް އިއްވެވުމުގެ ކުރިން ޝަރީއަތަށް ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން އިސް ގާޒީ ވިދާޅުވީ އޭސީސީ އަށް އައްޔަން ކުރުމަށް ބޭނުންވާ ނަންތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައި ވަނީ ޖޫން ،13 2009 ގައި ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ ހަސަން ލުތުފީގެ ނަން ޖޫން ،25 2009 ގައި ރައީސް އަނބުރާ ގެންދަވައި އެހެން ބޭފުޅަކު އައްޔަން ކުރެއްވުމަށް ހަމަ އެ ދުވަހު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. މަޖިލީހުން ހަސަން ލުތުފީ އަށް ރުހުން ދެއްވާފައި ވަނީ ޖުލައި ،6 2009 ގައި ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ އޭސީސީ އަށް މެންބަރުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހަށް އޭސީސީ ގާނޫނުގައި ވަކި މުއްދަތުތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން އޭސީސީ އަށް ރައީސް އައްޔަން ކުރައްވަން ބޭނުންފުޅުވާ ނަންތައް ގާނޫނު އަސާސީގެ 296 ވަނަ މާއްދާގެ ދަށުން އިންތިހާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 20 ދުވަހުގެ ތެރޭގައި ފޮނުވަންޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުއްވާތާ 20 ދުވަހުގެ ތެރޭގައި އެ ނަންތަކަށް ވަކި ގޮތެއް ކަނޑައަޅައި ވަކި ގޮތެއް ރައީސަށް އަންގަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ. އަދި ގާނޫނުގައި ބުނެފައިވާ 20 ދުވަސް ހަމަވުމުން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވުމުގެ ބާރު ރައީސަށް ލިބިގެންނުވާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
"... ނަން ފޮނުއްވުމަށްޓަކައި [ރައީސަށް] ގާނޫނީ ގޮތުން ލިބިގެންވާ 20 ދުވަސް ހަމަވާ ދުވަހަކީ 16 ޖޫން 2009 ގައިކަން އެނގެން އޮވެފައި ހަސަން ލުތުފީގެ ނަން އަނބުރާ ގެނައުމަށްފަހު ހަސަން ލުތުފީގެ ބަދަލުގައި އެހެން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ 25 ޖޫން 2009 ގައި ކަމުން، ހަސަން ލުތުފީގެ ނަން އަނބުރާ ގެންނަވާފައިވާ ކަމަށް ބުނެ އެހެން މީހެއްގެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި އެ ވަނީ އެންޓި ކޮރަޕްޝަން ނަން ފޮނުވަންޖެހޭ ފަރާތްތަކުގެ ނަންތައް ފޮނުވުމަށް ގާނޫނުގައިވާ ރައީސުލްޖުމްހޫރިއްޔާ އޮތް މުހުލަތުގެ 20 ދުވަހުގެ ފަހުގެ ތާރީހެއްގައި،" އިސް ގާޒީ ވިދާޅުވި އެވެ.
ހަސަން ލުތުފީ އޭސީސީ އަށް އައްޔަން ކުރުމަށް ރައީސްގެ މައްޗަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ