ސަލްޓަންސް އިން މީހަކަށް ދޭންޖެހޭ ފައިސާތަކެއްގެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ފުރުސަތު ދީފި

ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ލޯންޗަކަށް ތެޔޮ އެޅުމަށްފަހު ދޭން ޖެހޭ ފައިސާތަކެއްގެ މައްސަލަ ކޯޓުން ބޭރުގައި ނިންމުމަށް މަދަނީ ކޯޓުން މިއަދު ހަތް ދުވަހުގެ ފުރުސަތެއް ދީފި އެވެ.
ސަލްޓަންސްގެ މައްޗަށް ލ. މާވަށް ވިކްޓްރީ ހައުސް އިސްމާއިލް ރަފީއު ކޮށްފައިވާ ދައުވާ އިއްވުމުން ސަލްޓަންސް އިން މިއަދު ވަނީ ދައުވާގައި ބުނާ ލޯންޗަށް ތެޔޮ އެޅި ކަމަށާއި އެ ތެލަށް ދައްކަން ޖެހޭ 161،673ރ. ނުދައްކާ އޮތް ކަމަށް އެއްބަސްވެފަ އެވެ. އަދި އެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ފުރުސަތެއް ދިނުމަށް ވެސް އެ ކުންފުނިން އެދުނެވެ. މިއަދުގެ އަޑުއެހުން ގާޒީ ހާތިފް ހިލްމީ ނިންމަވާލެއްވީ އެ ފުރުސަތު ދެއްވައިފަ އެވެ.
ރަފީއުގެ ފަރާތުން ކުރާ ދައުވާ އިއްވަމުން އޭނާގެ ގާނޫނީ ވަކީލު މޫސާ ގާސިމް ވިދާޅުވީ ސަލްޓަންސްގެ ލޯންޗަކަށް ތެޔޮ އެޅުމަށްފަހު އެއަށް ވާ 161،673ރ. އާއި އެ ފައިސާ ނުދެއްކުމުން އޯގަސްޓް ،22 2010 އާ ހަމައަށް ބިލްތަކުގެ ޖޫރިމަނާ އަށް ވާ 2،893،946ރ. އާއި ވަކީލުގެ ފީ އަށް ވާ 75،000ރ. ހޯދަން ހުށަހަޅުއްވާ ކަމަށެވެ. އަދި އެ ފައިސާ ނުލިބިވާ ކޮންމެ ދުވަހަކަށް 895ރ. ހޯދުމަށް ވެސް ވަކީލު އެދިވަޑައިގަތެވެ.
ނަގާފައިވާ ލޯންތަކެއްގެ މައްސަލައިގައި ސަލްޓަންސް އިން ބޭންކް އޮފް މޯލްޑިވްސް އަށް 118 މިލިއަން ރުފިޔާ އާއި 654 މިލިއަން ރުފިޔާ ދެއްކުމަށް ވެސް މަދަނީ ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އަދި އިންވޮއިސް އޮޅުވާލައިގެން އެތެރެކުރި ދެ ލޯންޗުގެ މައްސަލައިގައި 110 މިލިޔަން ރުފިޔާ ސަރުކާރަށް ދެއްކުމަށް ވެސް މަދަނީ ކޯޓުން ހުކުމްކޮށްފައި ވެ އެވެ.
ފުނައްޑު އާއި ސަލްޓަންސް އަކީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އާއިލާގެ މަސްލަހަތު އޮންނަ ވިޔަފާރިތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ