ދައުލަތުން ޖަވާބުދާރީވާން ޖެހޭ މައްސަލަތަކުގެ އަޑުއެހުން ބަންޑާރަ ނައިބަކު ނެތުމުން މަދަނީ ކޯޓުން ކެންސަލް ކުރަން ފަށައިފި

ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމް އިއްޔެ އިން ފެށިގެން ހުސްވުމާ އެކު، ދައުލަތުގެ ފަރާތުން ޖަވާބުދާރީންވާން ޖެހޭ މައްސަލަތަކުގެ އަޑުއެހުން މަދަނީ ކޯޓުން ކެންސަލް ކުރަން ފަށައިފި އެވެ.
މަދަނީ ކޯޓު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުﷲ އަލީ މިއަދު ވިދާޅުވީ މަދަނީ ކޯޓުން އެގޮތަށް ހަމަޖެއްސީ ބަންޑާރަ ނައިބު ނެތިއްޖެ ހިނދެއްގައި އޭނާގެ ފަރާތުން އެހެން މީހަކަށް ކޯޓުގައި ވަކާލާތު ކުރެވޭނެ ޖާގަ ގާނޫނު އަސާސީން ލިބިދީފައި ނުވާ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. މި ނިންމުން އައީ މަދަނީ ކޯޓުގެ ހުރިހާ ގާޒީންގެ އިއްތިފާގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަންޑާރަ ނައިބުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކަމަށް ވެސް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވުމާ އެކު ބަންޑާރަ ނައިބު ނެތިއްޖެ ހިނދެއްގައި އޭނާގެ ފަރާތުން ކޯޓަށް ދިޔުމަށް ކުރިން ކަނޑައަޅާފައިވާ މީހަކު ކޯޓުގައި ވަކާލާތު ކުރުމުގެ ފުރުސަތު ގާނޫނު އަސާސީން ލިބިދީފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު މަގާމުން ވަކިވެވަޑައިގަތުމުން ވަގުތީ ގޮތުން ބަންޑާރަ ނައިބުގެ އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެންފައި ވަނީ އޭރުގެ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދެވެ. އަދި އެ ދުވަސްތަކުގައި މަދަނީ ކޯޓުން ވަނީ ކުރިއެކޭ އެއްގޮތަށް މައްސަލަތައް ކުރިއަށް ގެންގޮސްފަ އެވެ.
ނަމަވެސް ގާޒީ އަބްދުﷲ އަލީ ވިދާޅުވީ އޭރުގެ ގާނޫނު އަސާސީގައި އެ ފުރުސަތު ދީފައި އޮތް ކަމަށާއި މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީން އެ ފުރުސަތު ލިބިދީފައި ނެތް ކަމަށެވެ.
ގާޒީ ވިދާޅުވީ ދައުލަތުން ޖަވާބުދާރީވާން ޖެހޭ މައްސަލަތަކުގެ އަޑުއެހުން ކެންސަލް ކުރި ނަމަވެސް ދައުލަތުން މަދަނީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ.
ބަންޑާރަ ނައިބު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މަދަނީ ކޯޓުގެ ނިންމުމާ ބެހޭ އެއްވެސް މައުލޫމާތެއް ދެއްވޭނީ ކޯޓުގެ ނިންމުން ރަސްމީކޮށް ލިބުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ