އިމްރާން ފުލުހުންގެ ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދު

މިމަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ އިދިކޮޅު އެމްޑީޕީ ގުޅިގެން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އާއި ގުޅިގެން ހައްޔަރުކުރި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ފުލުހުންގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.
ހައި ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހައި ކޯޓުގައި މިއަދު މެންދުރުފަހު ބޭއްވި ޝަރީއަތުގައި އެކޯޓުން ކުރި ހުކުމުގައިވަނީ އިމްރާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މުއްދަތު މަޖިލީހުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތު ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ.
އަދި އިމްރާން މުޒާހަރާގައި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، އިމްރާން ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުމުން ކަމަށް ވެސް އަމުރުގައިވެއެވެ.
ބަންދު މައްސަލަތަކުގައި ކޯޓަށް ހުށަހަޅަންޖެހޭނީ މައްސަލަ ޝަރީއަތަށް ސާބިތުވާ މިންވަރުގެ ހެއްކައި ގަރީނާ ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ކަމަށް ވެސް ހައި ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ވާގޮތުގެމަތިން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ މައްސަލަ ސާބިތުވާ މިންވަރަށް ހެކި ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަށް ބަލާއިރު، ތުހުމަތުކުރެވޭ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ އެމީހަކު ބަންދުގައި ބެހެއްޓިދާނެއެވެ.
ހައި ކޯޓުން މިގޮތަށް ނިންމެމުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި އިމްރާން ވަނީ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ދޫނިދޫއަށް ގެންގޮސްފައެވެ. ދޫނިދޫއަކީ ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ރަށެކެވެ.
މެއި މަހުގެ ދެވަނަ ދުވަހުގެރޭ އިމްރާންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު މި މުއްދަތު ހަމަވަންދެން އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނާނެއެވެ.
އިމްރާން ހައްޔަރުކޮށްފައިވަނީ މެއި އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްކޮށް އޮވެ މާލޭގައި ބޭއްވި މުޒާހަރާގައި ހިނގައިދިޔަ ކަންކަމުގެ ޒިންމާވާ ފަރާތެއް ކަމުގައިވާ ކަމަށް ފުލުހުންނަށް ގަބޫލުކުރެވިގެންނެވެ.
މި މައްސަލައިގައި ބޭއްވި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި ދެކެވުނު ވާހަކަތަކާއި ގުޅޭ ގޮތުން އިމްރާންގެ ވަކީލު އަލީ ޒާހިރު ވިދާޅުވީ ބަންދުގެ މުއްދަތު ޖަހާފައިވަނީ މުޖުތަމައުގައި ހަމަނުޖެހުމާއި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށް ދައުލަތުން ބުނެފައިވާތީ ބިރުވެރިކަން އުފެދޭ ގޮތަށް ދެއްކި ވާހަކައަކީ ކޮބައިތޯ ސުވާލު ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތައް ދެއްކި ވާހަކައެއް މުއްދަތު ޖެހި އިރު ގާޒީ ފާހަގަ ކުރައްވާފައި ނުވާކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ