ކަރަންޓުގެ “ހަމަހަމަކަން” ނެތުމުން ވައިކަރަދޫގެ ގިނަ ގޭބިސީތަކަކުން ބިލާ ހަވާލެއް ނުވި

ކަރަންޓް ފޯރުކޮށްދިނުމުގައި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަރަންޓަށް ބިލުކުރާ ރޭޓުތައް ތަފާތު ކޮށްފައިވާކަމަށް ބުނެ ވައިކަރަދޫގެ ގިނަ ގޭބިސީތަކަކުން އޭޕްރީލްމަހުގެ ކަރަންޓް ބިލާ ހަވާލެއް ނުވި އެވެ.
ވައިކަރަދޫ ވިޔަފާރިވެރިން އުއްފަދާފައިވާ ސްޓިއަރީން ކޮމިޓީގެ މެމްބަރު އަލީ މުހުތާރު ވިދާޅުވީ ގާނޫނޫ އަސާސީގައިވާ ގޮތުގެ މަތިން އެއްވެސް ތަފާތުކުރުމެއް ނެތި ކަރަންޓް ހަމަހަމަ އުސޫލަކުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭ ޖެހޭ ކަމަށެވެ. އަދި ވައިކަރަދޫގެ ރައްޔިތުން ބިލާ ހަވާލުނުވީ ކަރަންޓް ހަމަހަމަ އުސޫލަކުން ފޯރުކޮށްނުދޭތީ ކަމަށެވެ.
ކަރަންޓަށް ބިލުކުރާ ރޭޓުތައް ތަފާތު ކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ވައިކަރަދޫގެ 80 އިންސަތައިގެ ގޭބިސީތަކުން ވަނީ ކަރަންޓް ބިލާ ހަވާލުނުވެފަ އެވެ.
އަލީ މުހުތާރު ވިދާޅުވީ އެހެން މަސްތަކަށްވުރެ އޭޕްރީލްމަހުގެ ކަރަންޓް ބިލް ބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހޫނު ގަދަ މަހެއް ކަމަށް ވީނަމަވެސް ކަރަންޓް ބިލް ދެގުނައަށް ބޮޑުވެގެން ނުވާނެ ކަމަށެވެ. އަދި އެހެން އަހަރުތަކުގައި ވެސް އޭޕްރީލްމަހުގެ ބިލް ބޮޑުކަމާއި އެހެންނަމަވެސް މިމަހު ބޮޑުވި އަދަދު އިތުރުކަމަށެވެ.
ޒަމާނުންސުރެ ރާއްޖޭގައި ކަރަންޓް ފޯރުކޮށްދިނުމުގައި ސަރުކާރުތަކުން އެކި ސަރަހައްދުތަކަށް ކަރަންޓް ބިލް ކުރުމުގައި ބޮޑެތި ތަފާތު ކުރުން ތަކެއް ގެންގުޅެ އެވެ. އަދި އަބަދުވެސް އަތޮޅުތެރެއަށް ވުރެ މާލެ ސަރަހައްދަށް ކަރަންޓުގެ އަގު ހެޔޮކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ